ލ. މާވަށް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު މާވަށުގައި ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، މާވަށު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
2250 މީހުންގެ އާބާދީއެއް ދިރިއުޅޭ މާވަށުގައި މިފެށިގެންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު، މި ރަށު ރައްޔިތުންނަށް އިޖުތިމާޢީ ގޮތުންނާއި ސިއްޙީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ބިނާ ކުރެވޭނެއެވެ. މިއީ 4.94 މިލިއަން ރުފިޔާގެ އަގުގައި 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން، ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.