ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހިތަދޫގައި ބޭއްވުނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އޮނަރަބަލް ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ހިތަދޫ އާއި ކުނަހަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިތަދޫއާއި ކުނަހަންދޫއަކީ ދެ ރަށެއްގެ ގޮތުގައި އޮތް ނަމަވެސް، އެއް އާއިލާތަކެއް ދިރިއުޅެމުންދާ ދެ ރަށެވެ. ތަފާތު އެކިއެކި ބޭނުންތަކަށް މި ދެ ރަށުގެ ރައްޔިތުން ވަރަށް ގިނައިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހެއެވެ. މޫސުން ގޯސްވެ ކަނޑުގަދަ ވެއްޖެނަމަ މި ދަތުރުތައް ކުރުން އޮންނަނީ ދަތިކަމަކަށް ވެފައެވެ.
މި މަޝްރޫޢުގެ ދަށުން، ކުނަހަންދޫ އާއި މެންދޫއާއި ދޭތެރޭ 210 މީޓަރުގެ ކޯޒްވޭއަކާއި މެންދޫއާއި ހިތަދޫއާއި ދޭތެރޭ 75 މީޓަރުގެ ކޯޒްވޭއެއް ޤާއިމުކުރެވޭނެއެވެ. ދުއްވާ ސަރަޙައްދުގެ ފުޅާ މިނަކީ 7.80 މީޓަރެވެ. މީގެ އިތުރުން، 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.
81.22 މިލިއަން ރުފިޔާގެ މި މަޝްރޫޢު 500 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. ކޯޒްވޭ ޤާއިމުވެގެން ދިއުމާއެކު މި ދަތިތަކަށް ހައްލު އައިސް، ފަސޭހަކަމާއެކު ދެ ރަށުގެ ރައްޔިތުންނަށްވެސް އެއް ރަށުން އަނެއް ރަށަށް ދިއުމުގެ މަގުފަހިވެ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.