ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ލ. ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ސަރުކާރުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހިތަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އާރްޑީސީއާ ދެމެދު ސޮއިކޮށްފައިވެއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ދެވިފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢު ނިމުމުން ހިތަދޫގެ މަގުތަކުގެ ވަޞީލަތްތައް ރަނގަޅުވެ، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން ހިތަދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ އިތުރުން، ރަށުގެ ތަރައްޤީއަށްވެސް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން