ކުނަހަންދޫއިން ރައީސް އަށް ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކުނަހަންދޫއިން ރައީސް އަށް ހޫނުމަރުހަބާއެއް ދަންނަވައިފި

ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަތޮޅު ކުނަހަންދޫއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށަކީ ކުނަހަންދޫއެވެ. ކުނަހަންދޫއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައެވެ.

ރައީސްގެ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާއި ބައްދަލްކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި އެ ރަށަށް ކުރެއްވި ޒިޔާރަތަކީ، އިންތިޚާބެއްގެ ކެމްޕޭނާއި ދިމާނުވާގޮތަށް ރައީސަކު ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަމަށެވެ. އަދި މިއީ އެރަށަށް ތާރީޚީ ދުވަހެއްކަން ފާހަގަކޮށް، އެރަށުގެ ރައްޔިތުން ވަނީ އުފަލާއެކު އެކަން ބަލައިގަންނަކަން ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ހާލު އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން