ލ. ކުނަހަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
4.94 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިމާރާތްކުރެވޭނެއެވެ. މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.
963 މީހުންގެ އާބާދީއެއް ދިރިއުޅޭ ކުނަހަންދޫގައި މި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުވުމުން، ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ އަދި ޞިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ.