ލ. ކުނަހަންދޫ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮނަރަބަލް ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
963 މީހުންގެ އާބާދީއެއް ދިރިއުޅޭ ކުނަހަންދޫގައި މި ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، ކަރަންޓުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
1.24 މިލިއަން ރުފިޔާގެ މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.