މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ދައްކަންޖެހޭ ދަރަނި ދައްކަމުން، މިއަދާހަމައަށް ކުރިއަށްގެންދެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައްދުންމަތީގެ ދަތުރުފުޅުގައި ފޮނަދޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ މިހާތަނަށް މި ސަރުކާރުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި ކަމަށެވެ.
މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވަނީ ޤައުމުގެ ކުރިއެރުމާއި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލުތަކެކެވެ. އަދި "ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ" ކަމަށް ވިދާޅުވިއެވެ.
މަޝްރޫޢުތަކާއި ޕްރޮޖެކްޓުތައް ކުރިޔަށް ނުދާކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަށް ދަތި ދުވަސްތަކާ ކުރިމަތިލާން ޖެހުނީ ބަޔަކު ގަސްދުގައި ވައްޓާލި އަނދަވަޅެއްގެ ސަބަބުން ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރަކީ މި މުއްދަތުގެ ތެރޭގައި، ނުވަތަ ދެ އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫޢުތައް ފެށި ހަމައެކަނި ސަރުކާރެވެ. އަދި މިކަން ސަރުކާރުގެ މަސައްކަތްތަކާއި، މިހާތަނަށް އިޢުލާނުކޮށް ފެށުނު ޕްރޮޖެކްޓުތަކުން ސާބިތުވާނެ ކަމަށް ވިދާޅުވިއެވެ.