ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މިވާހަކަ ދެއްކެވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ފާހަގަކުރެއްވި ރައީސް، އިޤްތިޞާދު ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދައްކަން ޖެހޭ އެތައް ހާސް މިލިޔަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތްއިރު، މިހާރުވެސް 2000 މިލިޔަން ރުފިޔާގެ ބިލުތައް އޮތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުވީ އެއްވެސް ވަޢުދެއް ދޫނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާ ގަވައިދުގެ ތެރެއިން ވީ ވަޢުދުތައް ފުއްދަމުން ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން،" ރައީސް ވިދާޅުވިއެވެ. އަދި މި ފައިސާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އަދާކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވަނީ ފައިސާ ޗާޕުނުކޮށް ކަން ރައީސް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި މިހާތަނަށް އައިއިރު ވެސް އެތައް ބިލުތަކަކަށް ފައިސާ ދައްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.