ދެމަފިރިންނާ ގުޅުން ނެތްކަންކަމުގެ ވާހަކަ އަނބިމީހާ ދެއްކިޔަސް އަޑުއަހަން އިންނަން ޖެހޭނެތޯ؟ ވަޤުތު ނެތަސް!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަޑުއަހަން ޖެހޭނެއެވެ. އަޑު ނުއަހާނަމަ ލިބޭނެ ދެރަ މާބޮޑުވާނެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ފިރިމިހާގެ އަތަށްދޭ ބާޒާރު ލިސްޓަށް ގެއަށް ތަކެތި ވައްދައިދިނުމަކީ އަނބިމީހާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވުންކަމަށް ދެކެގެން ނުވާނެއެވެ! ސަބަބަކީ އަނިބިންނަށް ކޮށްދޭންޖެހޭ އެންމެ ބޮޑު އެއްކަންތައް އެކަނބަލުންގެ ބާޒާރު ލިސްޓުގައި ނުލިޔާނެތީއެވެ!
އަނބިންނަށް ކޮށްދޭން ޖެހޭ އެންމެ ބޮޑު އެއްކަމަކީ އެކަނބަލުން ދައްކާ ވާހަކަ އަޑުއެހުމެވެ. އަޑުއެހުމަކީ އެއީ ކޮންމެ ވާހަކައެއް ނަމަވެސް ސަމާލުކަންދީގެން އަޑުއެހުމެވެ.
ބައެއް ފަހަރު ތަންކޮޅެއް ދުރު ވާހަކައެއްވެސް ދައްކައިފާނެއެވެ. މާބޮޑު ސަމާލުކަމެއް ދޭން ފިރިމިހާއަށް ނުޖެހޭ ޒާތުގެ ވާހަކައެއްވެސް ދައްކައިފާނެއެވެ. ވިސްނަންޖެހޭނެ ކަމަކީ އަނބިމީހާ އެވާހަކަ އެދައްކަނީ އޭނާއަށް އެކަން މުހިންމުވެގެންކަމެވެ. އަދި ފިރިމީހާ ކަމަށްވުމުން ތިމާގާތުގައި ދައްކަނީ ކަމެވެ. ދައްކަންޖެހޭނެވެސް ކަމެވެ.
އަނބިމީހާ ކަންބޮޑުވާ ކަންކަމުގެ ވާހަކަ ފިރިމީހާ ގާތުގައި ދެއްކުމުން ސަމާލުކަން ނުދޭނަމަ އޭނާ އެވާހަކަ އެހެން މީހެއްގެ ގާތުގައި ދައްކާނެ ކަމާއި އެކަމުގެ ތެރެއިން ނުކުންނަ ނަތީޖާ ރަނގަޅުނުވެދާނެކަންވެސް ޤަބޫލުކުރަންޖެހޭނެއެވެ. ގުރާކޮށީގެ ދޮރުހުޅުވާލާފައި ދިއުންކަމަށް މިބުނަނީ އެހެންވެގެންނެވެ.
މިކަންކަމަށް ނުވިސްނައި ބައެއް ފިރިން ޢަމަލުކުރާ ގޮތުން އަނބިމީހާއަށް އޭނާގެ އިޙްޞާޞްތައް އެހެން މީހުންނާއި ޙިއްޞާކުރަން މަޖުބޫރުވެގެންދެއެވެ. އެޙާލަތުގައި އޮންނަނީ އިތުރު ގުޅުންތަކެއް އުފެދިފައެވެ. އެގުޅުންތައް ކުރިއަރައިގޮސް ދެމަފިރިން ވަކިވާންޖެހޭ ޙާލަތަށް ކަންކަން ދަނީ މަދަކުން ނޫނެވެ.
އެޙާލަތަށް ދިއުމުން އަނބިމިހާ ކުށްވެރިކުރުމަކީ އެންމެ އިންޞާފުވެރި ގޮތެއް ނޫނެވެ. އެޙާލަތު އެހިސާބަށް ދާނެ މަގު ފަހިކުރުވީ ފިރިމީހާކަމަށްވާތީއެވެ. ކަމެއް ކުރަން މަގުފަހިކޮށްދިނުމުން އެކަމެއް ހިނގައިފިނަމަ އެކަމެއްގެ ޒިންމާ ނަގަން އެކަމަށް މަގުފަހިކޮށްދިން ފަރާތަށް ޖެހޭނެތީއެވެ.
ވީމާ އަނބިން ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމަކީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި ލޯބި ދެމެހެއްޓުމަށްޓަކައިވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވީމާ މިއީ ފިރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ.
- އަލަފް