ބައިވެރިޔާގެ ވާހަކަތައް އެހެން މީހުންނަށް ހާމަކުރުމަކީ ނުރައްކާތެރި އަދި ހުތުރުކަން ބޮޑުވެގެންވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 27ސ
ބައިވެރިޔާގެ ވާހަކަތައް އެހެން މީހުންނަށް ހާމަކުރުމަކީ ނުރައްކާތެރި އަދި ހުތުރުކަން ބޮޑުވެގެންވާ ކަމެއް!

ކައިވެނިކުރުމަށްފަހު އަނެކާގެ ސއްރުތައް ހިފެހެއްޓުމަކީ ދެމަފިރިންކުރެ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވަރަށްބޮޑު ވާޖިބެކެވެ. ނަމަވެސް މިއަދު މިފެންނަނީ "އެނގޭހެއްޔެވެ؟ އަހުރެންގެ ބައިވެރިޔާ މިވެނި އެވެނި ކަމެއް ކޮށްފި، ނުވަތަ އެބަކުރާ" ކަމަށް އެކުވެރިންގެ ގާތުގައި ދައްކާތަނެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.  

ބައިވެރިޔާގެ ކިބައިން ތިމާއަށް ހިތްދަތިކަމެއް ނުވަތަ އަނިޔާއެއް ލިބެމުން އަނަނަމަ އެކަމަކުން ސަލާމަތްވުމުގެ ގޮތުން އެހީތެރިކަމަށް އެދުންފަދަ ކޮންމެހެން ބުނަން މަޖުބޫރުވާ ވާހަކައެއް ނޫނީ ހަމައެކެއްގެ ގާތުގައިވެސް ބައިވެރިޔާއާއިބެހޭގޮތުން ނުދައްކާށެވެ! އެޙާލަތުގައިވެސް ބުނުން ހުއްދަވާނީ ކިރިޔާ ފުދޭ މިންވަރަކަށެވެ. އިތުރަށް ކިޔައިދީ އަނެކާގެ ސިއްރުތައް ބޭޒާރުކޮށްގެން ނުވާނެއެވެ.  

ސަބަބުތައް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ކުރެވޭ ކަންކަމުގެ ވާހަކަ ކިތަންމެ ގާތް ރައްޓެއްސަކު ގާތުގައިވެސް ދެއްކުމުގެ ކުރިން މިކަންކަމަށް ވިސްނައިލަންވާނެއެވެ.  

ދެމަފިރިންނަކީ އެކަކު އަނެކަކަށް އަޅައިލާ ހެޔޮކޮށް ހިތަންޖެހޭ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ތަކުންނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅު ތަކުން މިކަމަށް ނުހަނު ބާރު އަޅުއްވާފައިވެއެވެ. 

ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(وَلَهُنَّ مِثْلُ الَّذِيْ عَلَيْهِنَّ بِالمَعْرُوْفِ) (سورة البقرة 228)  

މާނައަކީ "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ." 

މިގޮތުން ޢާއިލީ ސިއްރުތަކާއި އަދި ދެމަފިރިންގެ ދެމެދުގައިވާ ޚާއްޞަ ކަންތައްތަކަށް ރައްކާތެރި ވުމަކީވެސް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި މިކަމުގައި ފަރުވާ ކުޑަކުރުމަކީ ނުރައްކާތެރި އަދި ހުތުރުކަން ބޮޑުވެގެންވާ ކަމެކެވެ. 

عَنْ أَسْمَاءَ بِنْتِ يَزِيدَ أَنَّهَا كَانَتْ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالرِّجَالُ وَالنِّسَاءُ قُعُودٌ عِنْدَهُ، فَقَالَ: (لَعَلَّ رَجُلًا يَقُولُ مَا يَفْعَلُ بِأَهْلِهِ وَلَعَلَّ امْرَأَةً تُخْبِرُ بِمَا فَعَلَتْ مَعَ زَوْجِهَا). فَأَرَمَّ الْقَوْمُ، فَقُلْتُ: إِي وَاللَّهِ يَا رَسُولَ اللَّهِ، إِنَّهُنَّ لَيَقُلْنَ وَإِنَّهُمْ لَيَفْعَلُونَ. قَالَ: (فَلَا تَفْعَلُوا فَإِنَّمَا ذَلِكَ مِثْلُ الشَّيْطَانِ لَقِيَ شَيْطَانَةً فِي طَرِيقٍ فَغَشِيَهَا وَالنَّاسُ يَنْظُرُونَ).[1] 

މާނަ: "އަސްމާ ބިންތި ޔަޒީދު رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ އެއްދުވަހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އިންނެވިއެވެ. އަދި ފިރިހެންބޭކަލުންނާއި އަންހެން ބޭކަނބަލުންވެސް އެތާގައި އިށީނދެވަޑައިންތިއްބެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. 

(ފަހަރުގައި ފިރިހެނަކު އޭނާގެ އަނބިމީހާއާއި އެކު ކުރާކަންކަމުގެ ވާހަކަ ދައްކަފާނެއެވެ. އަދި އަންހެނަކުވެސް އޭނާގެ ފިރިމީހާއާއި އެކު ކުރި ކަމެއްގެ ވާހަކަ ޚަބަރުކޮށްފާނެއެވެ). ފަހެ އެތާގައި ތިއްބެވި އެއްވެސް ބޭކަލަކު މިކަމާއި މެދު އެއްޗެއް ވިދާޅުނުވިއެވެ. ފަހެ ތިމަން ބުނީމެވެ. (އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެކަނބަލުން ތިފަދައިން ބުނެ އުޅެއެވެ. އަދި އެބޭކަލުންވެސް ތިފަދައިން ކަންތައް ކުރެއެވެ. 

އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. 

(ފަހެ ތިއަބައިމީހުން އެފަދައިން ކަންތައް ނުކުރާށެވެ. ފަހެ އެކަމުގެ މިޘާލަކީ ފިރިހެން ޝައިތާނަކު އަންހެން ޝައިތާނަކާއި ބައްދަލުވެ މީސްތަކުން ބަލަންތިއްބާ ގައިގޯޅިވެއުޅޭ އުޅުމެވެ)."

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން