މިއީ އަހުރެން ބުނާ ބުނުމެއް ނޫނެވެ. ސައިންސް ބުނާ ބުނުމެކެވެ. އަނބިންގެ ގައިގައި ލޯބިން ކޮންމެ ދުވަހަކު މަދުވެގެން 3 ނުވަތަ 4 ފަހަރު ބައްދާލަން ޖެހެއެވެ. އަދި 8 ފަހަރު ބައްދައިލާނަމަ ދެމީހުންގެ ގުޅުން ބަދަހިކަމާއިއެކު ދެމިއޮންނާނެއެވެ. 12 ފަހަރު ބައްދައިލާނަމަ ގުޅުންދާނީ ބާރުސްޕީޑްގައި ކުރިއަރަމުންނެވެ.
މިއީ ހަމައެކަނި ސައިންސުން ބުނާތީ ޤަބޫލުކުރަން އޮތް ކަމެއް ނޫނެވެ. އެއްދާން ކުރުމުގެ އިތުރުން އަނބިންގެ ގައިގައި ލޯބިން ބައްދައިލާނަމަ އަނބިންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބެއެވެ. ބައިވެރިޔާ ތިމާދެކެ ލޯބިވާކަމުގެ ޔަޤީންކަން އިތުރުވެގެންދެއެވެ. ކަންބޮޑުވުންތައް ފިލައިގެންދެއެވެ. ހިތަށް ލިބޭ ނުތަނަވަސްކަން ކުޑަވެ ހިތުގެ ޞިއްޙަތަށް ދުޅަހެޔޮކަން ލިބެއެވެ. މިކަންކަމުގެ އިތުރުން ދެމީހުންގެ ލޯބި ދިރެމުން އަންނަ ކަމުގެ ހިތްހަމަޖެހުންވެސް ލިބެއެވެ. ފިރިމީހާ ތިމާގެ އަގުވަޒަންކުރާކަންވެސް އެނގެއެވެ.
އަގުބޮޑު ހަދިޔާ ދިނުމަކުން ނުވަތަ ހިނިތުންވުމަކުން މިބުނި ކަންކަން ޙާޞިލެއް ނުކުރެވޭނެއެވެ. މިކަންކަން ޙާޞިލުކުރެވޭނީ އަޅައިލުން ދީގެންނެވެ. ވީމާ މުބުނިފަދައިން އަނބިމީހާގެ ގައިގައި ލޯބިން ބައްދައިލުމަކީ ކިހައި މުހިންމުކަމެއްކަން މިހާރު އެނގިއްޖެ ހެއްޔެވެ؟
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން