ނަރަކައިން ސަލާމަތްވެވި އަދި ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރަންވެސް މަގުފަހިވާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ނަރަކައިން ސަލާމަތްވެވި އަދި ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރަންވެސް މަގުފަހިވާނެ ދުޢާއެއް!

މިރޭ އަހުރެން ތިއަ އެންމެންނަށް ވަރަށް އަގުހުރި ހަދިޔާއެއް ދޭނަމެވެ. އިން ޝާ ﷲ އެއީ ނަރަކައިން ސަލާމަތްވުމަށް މަގުފަހިވާނެ އަދި ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރަންވެސް މަގުފަހިވާނެ ދުޢާއެކެވެ. އެކަމަކު އެހަދިޔާ ލިބިގަތުމުގެ ކުރިން އެހަދިޔާ އެހައި މުހިންމުވާ ސަބަބު ބަޔާންކޮށްދޭނަމެވެ. އިން ޝާ ﷲ  

ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ އެމީހާގެ ކަންނެތަކަމުގެ ސަބަބުންނެވެ. މިހެން ބުނުމުން ބައެއް މީހުން އެއީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ ނަމާދާއި އެހެނިހެން އަޅުކަން ނުކުރެވޭ މައިގަނޑު ސބަބަކީ އެމީހާގެ ކަންނެތްކަން ކަމުގައި ވާތީއެވެ. ފަހުން ކުރަން މަޑުކޮށްލެވެނީ ކަންނެތްކަމުން ކަމުގައިވާތީއެވެ.  

މީގެ އިތުރުން ގިނަ ބައެއްގެ ވިޔަފާރިތައް ބަނގުރޫޓުވަނީވެސް ހަމަ ކަންނެތްކަމުންނެވެ. އަމިއްލައަށް ބަލަހައްޓަންޖެހޭ ކަންކަން ބަލަހައްޓަން އެހެން މީހުންނާއި ޙަވާލުކޮށްލާފައި ހުރެވެނީ ކަންނެތްކަމުންނެވެ. މީގެ އިތުރުން ގިނަ ޢާއިލާތައް ރޫޅިގެންދާ އެއް ސަބަބަކީވެސް ކަންނެތްކަމެވެ. ބައިވެރިޔާއަށް ތިމާގެ އަމިއްލަ ދެއަތުން ކޮށްދޭންޖެހޭ ކަންކަން ކުރަން އެހެން މީހުންނާއި ޙަވާލުކުރެވޭތީއެވެ.  

އެހެންކަމުން ކުރުގޮތަކަށް ބުނާނަމަ ދުނިޔެއާއި އާޚިރަތް ގެއްލިގެން ދިއުމުގައި އެންމެ ބޮޑު ބައެއް އަދާކުރަނީ މީހާގެ ކަންނެތްކަމެވެ. ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ އަހުރެމެންނަކީ ހީވާގި ބައަކަށް ވުމަށެވެ. އެކަމުގެ އެންމެ ޘާބިތުދަލީލަކީ ފަތިސްނަމާދުން ދުވަސްފަށަންޖެހޭ ކަމެވެ.  

ދުނިޔޭގައި ދިރިއުޅޭ 7 ބިލިއަނެއްހައި މީހުންގެ ތެރެއިން ހަމައެކަކު ފަތިސްނަމާދަށް ނުހޭލައި އެންމެން ކަންނެތްވެ ނިދަން ތިބިއްޔާ ﷲ ތަޢާލާގެ ޙަޟްރަތަށް އުނިވާނީ ކޮންކަމެއް ހެއްޔެވެ؟ އެހެންކަމާއިއެކުވެސް ފަތިހު ހޭލަންޖެހޭގޮތަށް މިއޮތީ ކީއްވެގެން ހެއްޔެވެ؟ ފަތިހު ހޭލާ މީހުންގެ ހީވާގިކަން އިތުރުވާނީއެވެ. ދުނިޔެއާއި އާޚިރަތް އެދިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބާރަށް ކުރިއަށް ދެވޭނެތީއެވެ. އެކަމުން އަހުރެމެންނަށް ދެދުނިޔޭގައިވެސް ފައިދާކުރާނެތީއެވެ!  

ކަންނެތަކަމުން ސަލާމަތްކުރެއްވެވުން އެދި ކުރަން ޙަދީޘްފުޅުގައި ބަޔާންވެގެންވާ ދުޢާއެއް:   

(اللَّهُمَّ إِنِّيْ أَعُوذُ بِكَ مِنَ الْعَجْزِ, وَالْكَسَلِ , وَالْجُبْنِ, وَلْهَزَمِ,  وَالْبُخْلِ, )

(ارواه البخاري ومسلم) 

ޔާ ﷲ ! ނުކުޅުދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ދަހިވެތި ކަމުން ރައްކާތެރިކޮށް ދެއްވުމަށް އެދި އިނބަ ﷲ ގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން