ކައިވެންޏާއި ވަރީގެ މައްސަލަތަކަށް ތަންކޮޅެއް ވިސްނައިލަމާ ހިނގާށެވެ! މިރޭ މަސައްކަތްކުރާނީ ތަންކޮޅެއް ތަފްޞީލުކޮށް މިވާހަކަތައް ކިޔައިދެވޭތޯއެވެ. އިން ޝާ ﷲ
ﷲ ތައާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެކަލާނގެ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވަނީ ކަމަކީ ވަރިކަން އަހަރެމެން އެންމެންނަށްވެސް އެގޭއިރު ވަރިއަކީ ކުޅިވަރަކަށް ހެދުމުން މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ކޯފާއަށް ހަމަ އެއްވެސްވަރަކަށް ބިރު ނުގަންނަނީ ހެއްޔެވެ؟
ފުރަތަމަ ސުވާލުކޮށްލަން ބޭނުންވަނީ ކައިވެނި ރޫޅައިލަން ބޭނުންވެގެން ތިއަ އުޅެނީ އެކަމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަކުރުމަށްފަހުގައިިހެއްޔެވެ؟ އެހެނީ ކައިވެނި ރޫޅައިލުން ހުއްދަވެގެންވަނީ އެކަމަށް ފުރިހަމަކުރަން ޖެހޭ ޝަރުޠުތައް ފުރިހަމަކުރުމަށް ފަހުގައެވެ.
ކައިވެނިކުރަން ބޭނުންވުމުން ކައިވެނިކުރެވުން އޮންނަނީ ލަސްވެފައެވެ. ކެތްމަދުވެފައެވެ. ކައިވެނީގެ އުފާވެރި ދުވަސްވަރު އެކުގައި އުޅެން ބޭނުން ވެއެވެ. ނަމަވެސް ކިރިޔާވެސް މައްސަލައެއް ކުރިމަތިވާއިރަށް ކެތްތެރިވާން ބޭނުމެއް ނުވެއެވެ. ބޭނުންވަނީ "ފަހަތު ދޮރުން" ނަމަވެސް ނުކުމެ ފިލާށެވެ. މީސްތަކުންނޭވެ! "ފަހަތު ދޮރު" ބޭނުން ނުކުރާށެވެ! އެ ދޮރަކީ އަލިފާނެވެ! އަލިފާނުގެ ދޮރެވެ! ވީމާ އަލިފާނާއި ކައިރިވެސް ނުވާށެވެ!
އަހަރެމެންގެ ގެދޮރަށް ބަލާށެވެ! ޢާންމު ދިރިއުޅުމަށް ބަލާށެވެ! "ފަހަތު ދޮރުން" ނުކުންނަނީ ހާލަތު ގޯސްވެ އެހެން ގޮތެއް ނެތުމުން ނޫން ހެއްޔެވެ؟ ވީމާ ވަރިއާއިމެދުވެސް އެ ވިސްނުމުން ވިސްނާށެވެ! ދެން އެހެން ގޮތެއް ނެތިގެން ނޫނީ ވަރީގެ ވާހަކަ ނުވެސް ދައްކާށެވެ!
ފުރަތަމަ ވެސް ނިކަން ވިސްނައިލަބަލާށެވެ! އާދަމްގެފާނު އުފައްދަވައި ސުވަރުގޭގައި ލެއްވެވުމުގެ ކުރިން ޙައްވާގެފާނު އުފެއްދެވިއެވެ. އަދި ބިމަށް ފޮނުއްވެވީވެސް ދެކަނބަލުން އެކުގައެވެ. މިކަމުން އެނގިގެންދަނީ ދެމަފިރިން އެކުގައި ދިރިއުޅެން ޖެހޭނީ ހަމައެކަނި އުފާވެރިކަމުގެ ދުވަސްވަރުގައި ނޫން ކަމެވެ. ދަތިހާލުގައިވެސް ދެމަފިރިން ތިބެން ޖެހޭނީ އެކުގައި ކަމެވެ.
މުސްލިމުން މިއަދު ނިކަމެތިވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ ވަރި ގިނަވުމެވެ. ވަރިވުމުގެ ސަބަބުން ދަރިންތަކެއް މަގުމައްޗަށް އުކައިލެވޭތީއެވެ. މީސްތަކުންނޭވެ! ދަރިން ލިބުމަށްފަހު ވަރިވުމާއި ވަރިކުރުމަކީ އަމިއްލަ ކަމެއް ކަމުގައި ބަލާނަމަ އެކުރެވެނީ ކުށެކެވެ. ވަރިވުމާއި ވަރިކުރުމުގައި ދަރިންގެ ބައެއްވެސް އޮވެއެވެ. މާނައަކީ ވަރިވުމާއި ވަރިކުރުމަކީ ތިމާގެ އެކަނި ޙައްޤަކަށް ވާނީ ދަރިން ނެތް ނަމައެވެ. ދަރިން ލިބުމަށްފަހު ދަރިންގެ ޙައްޤަކީ އެކަމުގައި އެންމެ ބޮޑު ޙައްޤެވެ.
ރަނގަށް ވިސްނައިލާށެވެ! މިހައިވަރަށް ވަރި ގިނަވަމުން މިދަނީ އަންނަ ރުޅީގައި ކަންކަން ކުރެވޭތީއެވެ. ގޮތްދޫކުރަން ބޭނުން ނުވާތީއެވެ. ކުށެއް ކުރެވުނު ނަމަވެސް މާފަށް އެދި އިޞްލާޙްވާން ބޭނުން ނުވާތީއެވެ. މާފަށް އެދުނު ނަމަވެސް މާފުކުރަންވެސް ބޭނުން ނުވާތީއެވެ.
ވީމާ ވަރިއަށް އެދުމުގެ ކުރިން އަދި ވަރިކުރުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ތިމާއަށް އަމަލު މިކުރެވެނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކަމާއިމެދު ވިސްނައިލާށެވެ! މިގޮތަށް އަމަލުކުރުމުން ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމާއިމެދު ވިސްނައިލާށެވެ! ވަރިކުރުމާއިމެދު ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވާފައިވާ އާޔަތްތަކަށާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކަށް ވިސްނައިލާށެވެ! ތިމާއަށް އަމަލު މިކުރެވެނީ ﷲ ތައާލާ ބަޔާންކުރައްވަވާފައިވާ ގޮތަށް ކަމާއިމެދު ވިސްނައިލާށެވެ!
އަހަރެމެންނަށް ދޫ ދެއްވަވާފައިވަނީ ބޭނުންހައި ބަހެއް ބުނުމަކަށް ނޫނެވެ. ވީމާ ދޫ ދެއްވަވާފައި އޮތުމަކީ ހިތަށް އަރާއިރަށް ވަރިއަށް އެދެންޖެހޭ އަދި ވަރިކުރަން ޖެހޭ ސަބަބެއް ކަމަށް ހަމަ އެކަކުވެސް ހަދައިގެން ނުވާނެއެވެ. ހިތް ތިރިކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!
ދެމަފިރިން އެކުގައި ދިރިއުޅޭ އިރުވެސް މިއުޅެނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިގެންނެވެ. ވީއިރު ދެމްފިރިން ވަކިވުމަށްފަހު އެކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މުޖުތަމައުން ފެންނަމުން މިދަނީ އެކަން ނުކުރެވޭތަނެވެ.
މީސްތަކުންނޭވެ! ވަރިން ސަލާމަތްވުމަށްޓަކައި އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ޖެހޭ މައްސަލަތަކުގައި މަޝްވަރާ ކުރުމަށެވެ. ހިތް ހަމަ ނުޖެހޭ ކަމެއް ބައިވެރިޔާގެ ކިބައިން ފެނިއްޖެ ނަމަ ، ނުވަތަ އެފަދަ އަމަލެއް ކުރެވިއްޖެ ނަމަ އެހެން މީހަކު އެކަންކަމުގެ ވާހަކަތައް ދައްކައި ފިތުނަ އުފެއްދުމުގެ ކުރިން އެކަކު އަނެކަކާއި ސީދާ ވާހަކަ ދައްކައި މައްސަލަ ހައްލުކުރާށެވެ! އެއީ ﷲ ތައާލާގެ އަމުރުފުޅެކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ މަޝްވަރާ ކުރުމަށެވެ.
ފިރިހެނުންނޭވެ! ފިރިހެނުންގެ 1 ދަރަޖަ މަތިވެރިއެވެ. ގައިގެ ބާރުވެސް ގަދައެވެ. އަންހެނުންނަކީ ޙަޤީޤަތުގައި ވަރަށް ނިކަމެތި ބައެކެވެ. އަތުން އަނިޔާ ނުކުރި ނަމަވެސް ބުނާ ހަރުކަށި ބަސްތަކުން ވަރަށް ބޮޑަށް އަނިޔާ ލިބޭ ބައެކެވެ. އެކަން ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ ކައިވެނި ދެމެހެއްޓުމުގައި ފިރިހެނުންގެ ދައުރު މާބޮޑެވެ!
އެންމެ ރަނގަޅު ފިރިހެނަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ އޯގާތެރި , އެންމެ ހެޔޮ، މީހާ ކަމަށް އޮތް ޙަދީޘް ބަސްފުޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އަދި އެކަމުގައި ރަސޫލް (ﷺ) ވަނީ އުންމަތަށް ނަމޫނާ ދަކަވާފައިކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ފޮހެނުލާށެވެ!
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސްކުން