މިހާރަކަށް އައިސް އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ މީސްތަކުން ނަރަކައަށް ވައްދަވަނީ ކީއްވެގެން ހެއްޔެވެ؟
ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން އަހުރެން ކަލޭމެން އެންމެންނާއި ބައެއް ސުވާލު ކުރާނަމެވެ. އެއްސުވާލަކީ އަހުރެމެންގެ ލޮލަށް ﷲ ތަޢާލާގެ ދީދާރުފުޅު ނުފެނުނު ކަމުގައިވީނަމަވެސް ﷲ ތަޢާލާ ވޮޑިގެންވާކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމުގެ ހެކިތައް ނުފެންނަނީހެއްޔެވެ؟ ދެވަނަ ސުވާލަކީ މަރުވާނެކަމާ ޙިސާބުބައްލަވާނެކަން ނުއެނގެނީހެއްޔެވެ؟ ތިންވަނަ ސުވާލަކީ އަހުރެމެންނަށް ހުރިހާ ނިޢުމަތްތަކެއް ދެއްވަވަނީ ﷲ ތަޢާލާކަން އެނގިތިބެމެ، ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވެވޭ ހެއްޔެވެ؟
ދެން މިދެނީ ތިއަކުރާ ސުވާލުގެ ޖަވާބެވެ. ނަރަކައަށް ވަންނަން ޖެހެނީ ﷲ ތަޢާލާ ވޮޑިގެންވާކަން އެނގޭއިރު، މަރުވާނެކަންވެސް އެނގޭއިރު، ޙިސާބު ބެއްލެވޭނެކަންވެސް އެނގޭއިރު ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭތީއެވެ. ޝުކުރުވެރިވެވިއްޖެނަމަ ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. ޝުކުރުވެރިވާ އަޅުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާނެއެވެ.
ދެން އޮތީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނަށް ދޭން އޮތް ޖަވާބެވެ! އެމީހުންނަށް ނަރަކައަށް ވަންނަން ޖެހެނީ ވިސްނައި ފިކުރުކުރަން އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުން ނުކުރީތީއެވެ. ބުއްދީގެ ބޭނުންކުރާނަމަ ﷲ ތަޢާލާ ވޮޑިގެންވާކަން ވިސްނޭނެއެވެ.
ވީމާ ކޮންމެ މީހަކަށްވެސް ނަރަކައަށް ވަންނަން ޖެހެނީ އެމީހާގެ ކުށުންނެވެ. ﷲ ތަޢާލާ އެއްވެސް މީހަކު ނަރަކައަށް ވައްދަވަނީއެއް ނޫނެވެ. އެމީހަކު އަމިއްލައަށް ވަންނަނީއެވެ. އަދި އެހެންވެ ކޮންމެ މީހަކުވެސް ނަރަކައަށް ވަންނާނީ އެމިހާގެ ކުށަށް އަމިއްލައަށް އިޢްތިރާފްވެ ނަރަކައަށް ވަނުން ޙައްޤުވެއްޖެކަމަށް ޤަބޫލުކުރާ ޙާލުގައެވެ.
ޙައްލަކީ އަސްތަޣްފާރުކުރުން ގިނަކޮށް ގިނަގިނައިން ތައުބާވަމުން ގެންދިއުމެވެ. އިން ޝާ ﷲ އެއިރުން އެމީހަކު ނަރަކައަށް ނުވައްދަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން