ދަރިފުޅުގެ އަނބިމީހާގެ ކުށެއް ނެތި އޭނާއަށް ނުބައިބަސްތައްބުނެ އިހާނެތިކޮށް ކަންކަންކުރާ މައިމީހާގެ ފައިތިލަ ދަށުގަ ގާތީ ނަރަކަވެސް އަދި އެކައްޗެއްވެސް ނެތުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދަރިފުޅުގެ އަނބިމީހާގެ ކުށެއް ނެތި އޭނާއަށް ނުބައިބަސްތައްބުނެ އިހާނެތިކޮށް ކަންކަންކުރާ މައިމީހާގެ ފައިތިލަ ދަށުގަ ގާތީ ނަރަކަވެސް އަދި އެކައްޗެއްވެސް ނެތުން!: މުފްތީ މެންކް

ހިތަށް އެރިހައި ގޮތަކަށް އުޅެ ހިތަށް އެރިހައި ކަމެއް ކޮށްފައިވެސް ދީނުގައި ހުރި ކަންކަން ނަގައިގެން މިޘާލު ދައްކައި އުޅޭ މީހުންނަށް އަހުރެން ނަފުރަތުކުރަމެވެ. ސަބަބަކީ ދީނުގައި ހުރި ކަންކަމުގެ ވާހަކަތައް ދައްކަންޖެހޭނީ ދީނުގައި އޮތް ގޮތަށް ޢަމަލުކުރަމުން ކަމަށްވާތީއެވެ.  

ބައެއް މައިން އެމީހުންގެ ދަރިން، އެދަރިންގެ ޙަޔާތުގެ ބައިވެރިޔާއާއިއެކު ލޯބިން އުޅޭތަން ފެނުމުން ޙަސަދަވެރިވެއެވެ. އެއީ ދަރިފުޅުގެ ކިބައިން ލޯބިލިބުމުގައި ނުބައި ގޮތަށް ވާދަކުރެވޭތީއެވެ. މުޅިން ތަފާތު ދެ ލޯތްބެއް އެއީ އެއް ލޯތްބެއްކަމަށް ދެކެވޭތީއެވެ.  

އެޙާލަތުގައި އެބަ ބުނެއެވެ! "އަދިވެސް ބައިވެރިއަކު ލިބިދާނެއެވެ. ނަމަވެސް އެހެން މަންމައެއް ނުލިބޭނެއެވެ." ބަލަ މިކިޔެނީ ކީކޭ ހެއްޔެވެ؟ އެއިގެ ޖަވާބަކަށް ދަރިން އެބަ ބުނެއެވެ. "ލޯބިވާ މަންމާއެވެ! މަންމަ ބުންޏަސް އެއްވެސް ކުށެއް ނެތި ބައިވެރިޔާ ދޫކޮށްލައި ފޮނުވައެއް ނުލާނަމެވެ! ކުށެއް އޮތްނަމަ މަންމަގެ ބަސް ޤަބޫލުކުރާނަމެވެ! އަހުރެން ހުންނާނީ މަންމަ ބުނާ ގޮތެއްގައެވެ. ނަމަވެސް އޭނާގެ ކުށެއް ނެތްނަމަ އަހުރެން ހުންނާނީ އޭނާގެ ދިފާޢުގައެވެ. އެއީ ޢަމަލުކުރަން ދީނުގައި އޮތް ގޮތެވެ." ދެން ނިކަން ބުނެބަލާށެވެ! ދަރިފުޅު އެބުނީ ކުށް ބަހަކަށް ހަދަން ބުނެވޭނީ ކީކޭ ހެއްޔެވެ؟  

އެއްވެސް ކުށެއް ނެތް މީހަކު ދެކެ ރުޅިއައުމާއި ރުޅިއައިސް ނުބައިބަސްތައް ބުނުމަކީ ނަރަކައަށް ދާންޖެހިދާނެ ކަމެކެވެ. ނަރަކައަށް ދާންޖެހިދާނެ ފަދަ ޢަމަލުތައްކުރާ މީހެއްގެ ފަތިލަދަށުގަ ސުވަރުގެ އޮންނާނެ އެއްވެސް ގޮތެއް އަހުރެންނަކަށް ނުވިސްނެއެވެ. އެފަދަ މީހެއްގެ ފައިތިލަދަށުގައި ނަރަކަ އޮންނާނެ ކަމަކަށްވެސް ޤަބޫލެއް ނުކުރަމެވެ. ޤަބޫލުކުރެވެނީ އޭނާގެ ފައިތިލަ ދަށުގައި އެކައްޗެއްވެސް ނުއޮންނާނެ ކަމަށެވެ.  

ހަމައެކަނި މަންމައެއްވެސް ނޫނެވެ. ބައްޕަގެ ރުހުން ލިބުމަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ކަމަށްވެސް އެބައޮތެވެ. ނަމަވެސް އެއީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ؟ އެއީ މަސްތުވެގެން ގެއަށް އައިސް ނުވަތަ މަސްތުނުވެވެސް އަންނަ ރުޅިމަތީގައި ގޭގައި ތިބޭ އެންމެންނަށް ނުބައިބަސްތައް ބުނެ އަޑުއުފުލާ ބައްޕައިން ހެއްޔެވެ؟ އެކަން އެހެން އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

ދެން އޮތީ މައިންބަފައިންނަށް ނަޞީޙަތްދީ އިޞްލާޙްކުރަން ދަރިންނަށް އަންގަވާފައި އޮތްކަމެވެ. ދަލީލަކީ ބައްޕާފުޅަށް ނަބީޙަތް ދެއްވަވަން އިބްރާހީމްގެފާނަށް އެންގެވިކަމެވެ. އެކަން ކުރައްވަވަން އެންގެވީ އޯގާތެރިކަމާއިއެކުގައިކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.  

ޚުލާޞާއަކީ ހެޔޮ ބަސްފުޅުތައް ހުރީ ހެޔޮގޮތުގައި އުޅޭ މައިންބަފައިންނާއިމެދުގައި ކަމެވެ. އެފަދަ މައިންބަފައިންނަށް އެމީހުންގެ ދަރިން އުފަލުގައި އުޅޭތަން ފެނުމުން އުފާކޮށް ހިތްވަރުދޭނެއެވެ. ދަރިފުޅުދެކެ ލޯބިވެ ހެޔޮކޮށް ކަންކަންކުރާ ބައިވެރިޔާއަށް ތައްރީފްކުރާނެއެވެ. ނުބައި ބަސްތަކެއް ނުބުނާނެއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން