އަޅުގަނޑުގެ ކައިވެންޏަށް 2 އަހަރެވެ. ދެބަސްވާންޖެހޭ ކަމެއް އަދި މެދުވެރިއެއް ނުވެއެވެ. އަޅުގަނޑުގެ ފިރިމީހާގެ އޮތީ އެންމެ މައްސަލައެކެވެ. އެއީ އަޅުގަނޑާއިމެދު ބައެއްފަހަރު ފަރުވާކުޑަކުރާކަމެވެ. އެހެން ހުރިހާކަމެއްގައިވެސް ވަރަށް ރަނގަޅެވެ.
އެކުވެރިން ބުނަނީ ވަރިވެ ފަރުވާކުޑަނުކުރާނެ މީހަކާއި ގުޅުމަށެވެ. އެކަން އަޅުގަނޑަށް މިއުޅެނީ ޤަބޫލުނުކުރެވިގެންނެވެ.
މިއީ ކިޔުންތެރިންގެ ކަންބޮޑުވުމެވެ. ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކުވެރިންނާއި ފުރަތަމަ މިސުވާލުކޮށްބަލާށެވެ! ދެން ލިބޭނީ މިހާރުގެ ފިރިމީހާޢަށްވުރެ ރަނގަޅު މީހަކުކަމަށް ނުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލާނަން ހެއްޔެވެ؟ އެކަނިވެރިވީމާ ދެވަނަ ފިރިއަކު ލިބެންދެން އެހީތެރިވެ ބަލަހައްޓައިދޭނަން ހެއްޔެވެ؟ މިދެސުވާލުކުރާއިރަށް އަނގަ އޮރިކުރަމުން ދުވެ ނުފިލައިތޯ ނިކަންބަލައިލަބަލާށެވެ!
ތިރީގައިލިޔުން ވިދާޅުވެލެއްވުމަށް ނަޞީޙަތްތެރިވަމެވެ.
ތިބާއަށް ތިބާގެ ޙަޤީޤީ ރަހްމަތްތެރިން ވަކިކުރަން އެނގޭނެ ދުވަހަކީ ތިބާ ނިކަމެތިވެ ދަތިޙާލެއްގައި ދިރިއުޅެންޖެހޭ ދުވަހެވެ. އެކުވެރިންގެ ކިބައިން އެހީތެރިކަމަށް އެދެންޖެހޭ ދުވަހެވެ. ގޭގެ ކުލި ނުދެއްކިގެން މަގުމަތިވާ ދުވަހެވެ. ދަރިންތަކަކާއިއެކު އެކަނިވެރިވެ ނިކަމެތިވާ ދުވަހެވެ.
އުފާވެރިކަމާއިއެކު ދިރިއުޅެމުން އަންނަނަމަ ރަޙްމަތްތެރިން ވަރަށް ގިނަވާނެއެވެ. އަތުގައި ފައިސާހުރިނަމަ ރަހްމަތްތެރިން އަދި މާގިނަވާނެއެވެ. ރަޙްމަތްތެރިން އެދޭކަންކަން ކޮށްދެވޭނަމަ ހައްތަހާވެސް ތިބޭނީ ރަޙްމަތްތެރިންނެވެ. އެންމެ ގާތް ރަހްމަތްތެރިންކަމުގައިވުމަށް އެދޭކަން އެތައް ބައަކު ހާމަކުރަމުން ގެންދާނެއެވެ.
އެހެނަސް ދެރަވެ ނިކަމެތިވެ ދަތިޙާލެއްގައި އުޅެންޖެހޭ ދުވަހެއް އަތުވެއްޖެނަމަ ގާތުގައި ސާބިތުވެ ހުންނާނީ ވަރަށް މަދު މީހެކެވެ. ޢާންމު ގޮތެއްގައި ހަމަ އެކަކުވެސް ގާތުގައި ނެތިގެންދެއެވެ.
މިކަމުގައި އެންމެ ބޮޑަށް ވިސްނަންޖެހޭނެ އެއް ބައަކީ އަންހެނުންނެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް އަވަހަށް ވަރިވާން ހިތްވަރުދޭ ބައަކު ތިބޭނެއެވެ. ވަރިވެ ދަތިޙާލެއްގައި ޖެހުމުން އެއިން އެއްވެސް މީހަކު ލޮލަށް ނުފެންނާނެ ތަނުގައި ފޯނަށް ޖަވާބުދޭނީވެސް މަދުމީހެކެވެ. އެންމެ ދަރިއަކާއިއެކު މަގުމަތިވިނަމަވެސް އެންމެ ކުޑަމިނުން ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތްނަމަވެސް އެކަންވެސް ކޮށްލައިދޭނެ މީހަކު އޮންނަނީ ނެތިފައެވެ.
މިއީ އަބަދުހެން ފެންނަމުން އަންނަ ކަންކަން ކަމަށްވުމުން މީހުން ދޭ ނަޞޭޙަތަށް ބުރަވެ ކައިވެނި ރޫޅައިނުލާށެވެ! ކައިވެނި ރޫޅައިލަންވާނީ އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނުމަށްފަހުގައެވެ. ދެން އެހެން ގޮތެއް ނެތިއްޖެ ޙާލުގައެވެ. މާމޮޅު ގޮތްތަކެއް ވެދާނެކަމަށް މީހުން ދައްކާ ވާހަކަތަކަށް ބުރަވެ އެފަދަ ކަމެއް ނުކުރާށެވެ. އެކަމުގެ ބުރަ އުފުލަންޖެހޭ ދުވަހު އެބުރަ އުފުލަންޖެހޭނެ މީހަކީ ތިމާކަމާއި އެހެން މީހަކު އެއްވެސް ކަމެއް ކޮށްދީފާނެ ކަމަށް އުންމީދުވެސް ނުކުރާށެވެ!
- އަލަފް