ފުރަތަމަވެސް ބުނެލާނަމެވެ. މިދައްކަނީ ފައިސާއަށް ދަހިވެތިވެ ފިރިމީހާގެ ޢާއިލާއަށް ޚަރަދުކުރަން ނުރުހި ދެކޮޅުހަދާ އަނބިންގެ ވާހަކައެއް ނޫނެވެ. ބޭކާރު ޚަރަދުތައް ނުކުރަން ބާރުއަޅާ އަދި ބޭކާރު ޚަރަދުތައް ނުކުރާ ހެޔޮލަފާ އަނބިންގެ ވާހަކައެވެ.
އެފަދަ އަނބިން ދިރިއުޅުމުގެ ޚަރަދުތައް އިޤްޠިޞާދުކުރާނެއެވެ. ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ ޚަރަދެއް ނުކުރާނެއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސައި ކޮންމެވެސް މިންވަރެއް ބާކީކުރަންވެސް މަސައްކަތްކުރާނެއެވެ. އެއީ އާމްދަނީ ނުލިބިދާނެ ދުވަހަކަށެވެ. ދަރިން ލިބުމުން ކުރަންޖެހޭނެ ޚަރަދުތައް ބޮޑުވާނެތީއެވެ.
ހަމައެއާއިއެކު ލޯނުނަގައި ނަގައި ދަރަނިވެރިނުވުމަށް ބާރުއަޅާނެއެވެ. އަދި ތަނަކުންވެސް ދަރަންޏަށް އެއްޗެއް ނުނެގުމަށް ބާރުއަޅާނެއެވެ. އަދި ޙާލަތު ނިޔާކުރާ ގޮތަކުން ދަރަނިވެރިވާންޖެހުނަސް އެދަރަނި އަވަހަށް އަދާކުރަން ބާރުއަޅާނެއެވެ.
ހަމައެއާއިއެކު ފިރިމީހާއަށް ނުލިބޭ ވަރުން ކަންކަން ކޮށްދިނުމަކަށް ނުއެދޭނެއެވެ. އަގުބޮޑު އެއްޗެތި ނުލިބިގެން ޝަކުވާއެއް ނުކުރާނެއެވެ.
މިހުރިހާ ކަމެއް ކުރާއިރުވެސް މާދަމާވެސް ވަރިކޮށްލައިފިނަމަ ނުކުމެގެންދާންޖެހޭނީ ހުސްއަތާކަންވެސް އެނގޭނެއެވެ. އެހެންކަމާއިއެކުވެސް މިބުނި ހުރިހާ ކަމެއް އެކުރަނީ ހަމަ ތިބާދެކެ ވާލޯބިބޮޑުކަމުންނެވެ. ތިބާއަކީ ފުދުންތެރިއަކަށް ހަދައިދިނުމަށެވެ.
މިފަދަ ބައިވެރިއަކު ލިބިއްޖެނަމަ އެލިބުނީ ފުރިފަހުރި ތިޖޫރީއެކެވެ! ފައިސާތަކުން ފުރިފައި ހުރި ތިޖޫރީއެއް ލިބުނީމާ އެއްލާލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ މޮޔައަކު ނޫނީ ކުރާނެކަމެއް ނޫނެވެ. ވީމާ މިބުނި ފަދަ އަންތބަކު ލިބިއްޖެނަމަ ނަމަނަމަ ދޫނުކުރާށެވެ!
- މިއަދުނޫސް