ފަށަމުން މިބުނަނީ ސުރުޚީއެވެ. ދަތިޙާލާއި ބަލިޙާލަށް ކެތްތެރިވެވިދާނެއެވެ! ކެތްތެރިވާންވެސް ޖެހޭނެއެވެ. އެކަމަކު ބޭވަފާތެރިވުމަށް ކެތްތެރިއެއް ނުވެވޭނެއެވެ. ބޭވަފާތެރިވެގެން ފިޔަވަޅު އެޅީމާ ކުށްވެރިއެއްވެސް ނުކުރެވޭނެއެވެ. މިކިޔައިދެނީ ސަބަބުތަކެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެނި ކާމިޔާބުކުރެވޭނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް މެދުވެރިވި ނަމަވެސް ދެމީހުން ދުވަހަކުވެސް ވަކިނުވާނެކަމުގެ ޔަޤީންކަން ދިނުމުން ކަމަށެވެ. އެންމެ ރަނގަޅު ބައިވެރިންނަކީ އެކަމަށް ޔަޤީންކަންދޭ މީހުން ކަމަށެވެ.
ނަމަވެސް މިއީ އެއްވެސް ބުރަދަނެއްހުރި ވިސްނުމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ކިތަންމެ ބޮޑެތި ވަޢުދުތަކެއްވެފައި އޮތްނަމަވެސް އަދި ކިތަންމެ ބޮޑު ޔަޤީންކަމެއް ކިތަންމެ ގިނައިން ދިނަސް ބޭވަފާތެރިވާނަމަ އެހުރިހާ ކަމެއް އުވި ބާޠިލްވެގެންދާނެތީއެވެ. އެއިރުން އެކުގައި ދިރިއުޅެން އެކަކުވެސް ބޭނުން ނުވާނެތީއެވެ.
އެހެންވެ އަހުރެން ދެކޭ ގޮތުގައި ޢުމުރަށް އެކުގައި ދިރިއުޅެން ވަޢުދުވާންޖެހޭނީ ބޭވަފާތެރިވުން އިސްތިސްނާކޮށްފައެވެ. ދަތިޙާލަށްވެސް ކެތްތެރިވެވިދާނެއެވެ. ބަލިޙާލަށްވެސް ކެތްތެރިވެވިދާނެއެވެ. ބޭވަފާތެރިވުން ނޫން އެހެން ކޮންމެ ކަމަކަށްވެސް ކެތްތެރިވެވިދާނެއެވެ. ބޭވަފާތެރިވުމަކަށް ކެތްތެރިއެއް ނުވެވޭނެއެވެ.
މިހެން ބުނީމާ މިވެނި މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާ ބޭވަފާތެރިވާއިރުވެސް އަނެކާ ކެތްތެރިވެގެން އެބައިންނަކަމަށް ބުނެފާނެއެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އޭނާ އެހޯދަނީ އުދުހިގެންގޮސް ޖައްސާނެ ގަލަކަށެވެ. އޭނާގެ އަތުގައި ހިފާނެ މީހަކަށެވެ. ކިރިޔާ ގޮތެއް ފެނުނަސް ސަލާމަތްވާން އަވަސްވެނުގަންނާނެ މީހަކު ނުހުންނާނެއެވެ. ހުރިނަމަ އެއީ މާބޮޑު ަމއްސަލައެކެވެ. ފަހަތުގައި ފޮރުވިފައި އޮތް ނުރައްކާ މާބޮޑުވާނެއެވެ.
- އަލަފް