ލ. ފޮނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން ފޮނަދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ލ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ފޮނަދޫގައި 3,127 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާއިރު، މި ސެންޓަރު ޤާއިމްކުރެވުމުން ޤުދުރަތީ ކާރިސާތަކާއި އެހެނިހެން ކުއްލި ހާދިސާތަކުގައި ހައްދުންމަތީ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.
6.50 މިލިއަން ރުފިޔާގެ އަގުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 2,368 އަކަފޫޓުގެ ދެ ފަންގިފިލާގެ އިމާރާތެއް ކުރެވޭނެއެވެ. މި މަޝްރޫޢު 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި އުފެދުނު މި ކުންފުނިން، ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.