ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށްގެންދެވުނު ރަސްމިއްޔާތެކެވެ.
ކައްދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރާއި، ފޮނަދޫ ދާއިރާގެ މެންބަރު އަދި ފޮނަދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްއޭސީއެލްއާ ޙަވާލުކުރެވިފައިވާ ކައްދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުޅި އަތޮޅުގެ ތަރައްޤީއާ ގުޅިލާމެހިފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 2,800 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 114 ހެކްޓަރުގެ ބިމަކީ އެއަރޕޯޓަށް ޚާއްޞަކުރެވޭ ބިންކަމަށްވާއިރު، އަނެއް 30 ހެކްޓަރުގެ ބިމަކީ ފޮނަދޫގެ ތަރައްޤީއަށް ބޭނުންކުރެވޭނެ ބިމެވެ.