ފޮނަދޫ އައި.ޔޫ.އެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފޮނަދޫ އައި.ޔޫ.އެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ފޮނަދޫ ކައުންސިލް މެންބަރުންނާއި އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

3,127 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫއަކީ ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މި މަޝްރޫޢު ނިމުމުން، ރަށުގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ރަށުގައި ތިބެގެން ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

17.60 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 3,911.92 އަކަފޫޓުގެ ދެ ފަންގިފިލާގެ މައި އިމާރާތަކާއި، 1,970.76 އަކަފޫޓުގެ މިސްކިތެއް އިމާރާތްކުރެވޭނެއެވެ. މީގެއިތުރުން، 1,571.53 އަކަފޫޓުގެ މުވައްޒަފުންގެ ބައިގެ އިމާރާތަކާއި، 7,836.12 އަކަފޫޓުގެ ހަތަރު ފަންގިފިލާގެ މުނިފޫހިފިލުވުމުގެ ސަރަޙައްދެއް، ޖިމްއަކާއި ކެފެޓޭރިއާއެއް ހިމެނޭގޮތަށް އިމާރާތްކުރެވޭނެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. ވޭތުވެދިޔަ 44 އަހަރު ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން