ހައްދުންމަތި ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
އެމްއައިބީން މަޢުލޫމާތު ދެއްވިގޮތުގައި، ފޮނަދޫގައި ޤާއިމްކޮށްފައިވާ އެމްއައިބީގެ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
ފޮނަދޫގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، އެރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ އެރަށުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.