ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް މިއަދު ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާގެ ގިނަ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުމެފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި 6 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ހައްދުންމަތީގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށާއި، ރައްޔިތުންގެ ހާލު އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.