ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށު ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ލ. މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި މުހިންމު ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެމްބަރާއި އެރަށު ކައުންސިލްގެ ރައީސްގެ އިތުރުން ގިނަ އަދަދެއްގެ ރަށުގެ ރައްޔިތުން ބައިވެރިވިއެވެ. މި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.
މި އައު އިމާރާތް ނިމުމުން، މާމެންދޫ ކައުންސިލްގެ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.