ލ. މާމެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާމެންދޫ ކައުންސިލްގެ މެންބަރުންނާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
1،370 މީހުންގެ އާބާދީއެއް އޮންނަ މަސްވެރި ރަށެއް ކަމަށްވާ މާމެންދޫގައި މިހާރު އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން މަސްވެރިންނާއި ރަށުގެ ރައްޔިތުން ދަނީ ތަޙައްމަލު ކުރަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މަސްވެރި އުޅަނދުފަހަރު އެޅުމަށާއި މުދާ އަރުވައި ބޭލުމަށް ފަސޭހަ، ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
67.87 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 70،674 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމާއި، 354 މީޓަރުގެ އެއްގަމު ތޮށްޓާއި، 307 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 26 މީޓަރުގެ ނެރު ބޭރުތޮށްޓަކާއި، 24 މީޓަރުގެ މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮށްޓެއް ލުމާއި، 88 މީޓަރުގެ ރިވެޓްމެންޓް އަދި 1،715 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢު 400 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި އުފެދުނު މި ކުންފުނިން ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.