އެހެން މީހުންގެ އިޙްސާސްތަކާއި ޖަޒުބާތުތައް ފަހުމުވުމުގެ ކުޅަދާނަކަން ޤާޟީންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފެމިލީ ކޯޓުގެ ދެ ޤާޟީއަކު މަޤާމުގެ ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި ފެމިލީ ކޯޓުގެ ޤާޟީން ހަވާލުވެވަޑައިގަންނަވަނީ މުޖްތަމަޢުގެ އެންމެ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތާއެވެ. އެ ކޯޓުން ބަލާ މައްސަލަތަކަކީ ޢާއިލާތަކާއި ގުޅިފައިވާ މައްސަލަތަކަށްވާތީ، އެ މައްސަލަތައް ބަލާ ފަރާތްތަކަކީ ކެތްތެރި އަދި އޯގާތެރި ބަޔަކަށްވާންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަކީ ސުލޫކީ މިންގަނޑުގައި ވަކިވަކި ސިފަތަކެއްގެ ގޮތުގައި އޮތް ނަމަވެސް، އެއް ސިފަ އަނެއް ސިފައާއި ގުޅިލާމެހިފައިވާ ސިފަތަކެކެވެ. އަދި މި ސިފަތަކަކީ ފަނޑިޔާރެއްގެ ޝަޙްސިއްޔަތު ބިނާކުރާ ސިފަތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިހާރު ޝަރީޢަތް ކުރާ މަޖިލީހަކީ ހަޤީޤީ މާނައިގައި ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްކަން ފާހަގަކުރައްވަމުން، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކަވާ ވާހަކަތަކަށް ސަމާލުވުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ.