ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދަނބިދޫއަށް މިއަދު ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ލ. ދަނބިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާތަކުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ނުކުމެފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވާ މި ދަތުރުފުޅަކީ އެއަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަޑުއެއްސެވުން ހިމެނެއެވެ.