ފޮނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ފޮނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި

ލ. އަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލ. ފޮނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.  މި މަޝްރޫޢުގެ ސަބަބުން ފޮނަދޫ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެ، ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ. މި މަޝްރޫޢުގެ ޖުމްލަ ކޮންޓްރެކްޓް އަގަކީ 89,586,072.36 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 540 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރަށް އަލަށް އިތުރުކުރެވޭ ބައި އަދި މިހާރު ބޭނުންކުރަމުންދާ ބައި ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 482 މީޓަރުގެ ކީވޯލް ބްލޮކް ޖެއްސުމާއި، 482 މީޓަރުގެ ސްކަވަރ އެޕްރޮން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. ބަނދަރުގެ ބޭނުންތަކަށްޓަކައި މޫރިންގ ބޮއެ ހަރުކުރުމާއި، މިހާރު ބޭނުންކުރާ ބަނދަރުގެ ކީވީލް ކެޕިންގ ބަދަލުކޮށް އައު މޫރިންގ ރިންގް ހަރުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން 11x11 މީޓަރުގެ ރޭމްޕެއް ހެދުމާއި، 92 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން ހިމެނެއެވެ. އަދި 319 މީޓަރާއި 159 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ވަށައިގެން ޖަހައި ސޭންޑް ފިލްޑް ބްރޭކްވޯޓަރއެއް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 171 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. ބަނދަރު އަދި ނެރު ބައްތި ހަރުކުރުމާއި، ޕޭވްމަންޓް އަޅައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. ބަނދަރު ސަރަހައްދުގައި 18 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާ ބްރިޖެއް އެޅުމާއި، 36 މީޓަރު ދިގުމިނުގެ 4 މީޓަރު ފުޅާ ބްރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ދެއްވާ އަޙައްމިއްޔަތުކަން ދައްކުވައިދޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ފޮނަދޫ ރައްޔިތުންނަށް ބަނދަރުގެ ޚިދުމަތްތައް ހަރުދަނާވެ، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން