ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީ ގަމަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި 100 ހައުސިން ޔުނިޓާއި ޓަރޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ގަމުގައި އަލަށް އިމާރާތްކުރާ 100 ހައުސިން ޔުނިޓް ޤާއިމްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްބާހް ޢަލީ ނަސީރެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢާއި އިތުރު ބަނދަރެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ނާޒިމް އިބްރާހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މީގެއިތުރުން، ގަމު މަގު ހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށް، އެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، ލ. ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުން ހައްދުންމަތީގެ ތަރައްޤީއަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ.