ތެލަސީމިއާ ކުދިންނަށް އަލަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ރައީސް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތެލަސީމިއާ ކުދިންނަށް އަލަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ރައީސް ނިންމަވައިފި

ތެލަސީމިއާ ކުދިންނަށް ޚާއްސަކޮށްގެން އަލަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ރައީސް އިޢުލާނު ކުރެއްވީ ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި އެލަވަންސް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ވަނީ ނިންމާފައެވެ. މިހާރު ރާއްޖޭގައި ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެކުދިންނަށް މި ފައިސާ ލިބޭނެ. އިމާރާތްތަކާއި މިފަދަ މަޝްރޫޢޫތަކުގެ އިތުރަށް މިގޮތަށް ހުރި ވަޢުދުތައްވެސް ފުއްދަމުން މިދަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި އެލަވަންސްއަކީ ތެލަސީމިއާ ކުދިންނަށް ކޮންމެ މަހަކު 1000 ރުފިޔާގެ ރޭޓުން ދެވޭ އެލަވަންސެއް ކަމަށްވާއިރު، މި އެހީތެރިކަމަކީ އެ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.

ތެލަސީމިއާއަކީ ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންނަށް ކުރިމަތިވެފައިވާ ލޭގެ ބައްޔެއް ކަމަށްވާއިރު، މި ބަލީގެ ފަރުވާއަށް ކުރަންޖެހޭ ޚަރަދުތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން މިފަދަ އެލަވަންސެއް ތަޢާރަފުކުރުމަކީ މުހިންމު ފިޔަވަޅެއް ކަމުގައި ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން