އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުންފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިކަން އިއުލާންކުރެއްވީ ހައްދުންމަތީ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި، ޤާނޫނާއި ގަވާއިދުގެ ތެރެއިން މި މަޝްރޫޢުތައް ހަވާލުކުރެވޭނެއެވެ.
"ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް އަދި ބައެއް ބޮޑެތި ކުންފުނިތަކަށް ކުރިއަށްއޮތް 10 ވަރަކަށް ދުވަސްތެރޭގަ އަޅުގަނޑުމެން އެކި ކަހަލަ ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް ހަވާލުކުރާނަން،" ރައީސް ވިދާޅުވިއެވެ.
މި ނިންމުމަކީ އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދިއުމާއެކު، އާއިލާތަކަށް އިޤްތިޞާދީ ތަނަވަސްކަން ލިބި، ޤައުމުގެ އިޤްތިޞާދު އިތުރަށް ފުޅާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމުމަކީ ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަށާއި، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މި ނިންމުމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދިގެންދާނެކަމަށް ބެލެވެއެވެ.