އަހުރެން މިރޭވެސް ފަށާނީ މާތް ﷲ ގެ ވާގިފުޅާއިއެކު ސުވަރުގެ ޔަޤީންކުރަން ފަސޭހައިން ކުރެވެނެހުރި ކަންކަމުގެ ތެރެއިންވެސް އެންމެ ފަސާހައިން ކުރެވޭނެ ކަންތަކުގެ ވާހަކައިންނެވެ. އެއީ މިހައި ފަސޭހައިން ސުވަރުގެ ލިބޭނެކަން ޔަޤީންކުރެވެން އޮތްއިރުވެސް ލިބިގަތުމަށް ފަސްޖެހި ކަންނެތްވާ މީހުން ގިނަކަމުންނެވެ. އަހުރެން މިދައްކާ ވާހަކައަށް ސަމާލުކަންދީގެން އަޑުއަހައިފިނަމަ އަހުރެން މިބުނަނީ ތެދެއްކަން ޔަޤީންކުރެވޭނެއެވެ. އިން ޝާ ﷲ
ފުރަތަމަ ކަމަކަށް ޤަބޫލުކުރަންޖެހޭނެ ކަމަކީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ އެކަމަކަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްގެންކަމެވެ. އެއީ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަމެއް ނަމަވެސް އަދި އާޚިރަތް ދުވަހު ޙާޞިލްކުކުރަން ބޭނުންވާ ކަމެއް ނަމަވެސްމެއެވެ.
ކޮންމެ އަޅުކަމަކީވެސް ކުރަން ކޮންމެވެސް މިންވަރެއްގެ ތަކްލީފެއް އުފުލަން ޖެހޭނެ ކަމެކެވެ. އެކަން ކުރުމުން ޘަވާބު ލިބެނީވެސް ތަކްލީފެއް އުފުލާތީއެވެ. ތަކްލީފެއް އުފުލަން ޖެހޭނެތީއެވެ. ބަލަންޖެހޭނީ އެކަމެއް ކުރުމުން ތިމާއަށް ކުރާނެ ފައިދާއަށެވެ.
ﷲ ތައާލާގެ ހިނިތުންވެވޮޑިގަތުން ލިބިގަތުމަކީ އެހައި ބޮޑު ބުރަތަކެއް އުފުލަންޖެހެންވީ ކަމެއް ނޫނެވެ. ދުނިޔޭގައި ހުއްޓައި ﷲގެ ހިނިތުންވެވޮޑިގަތުން ލިބިއްޖެ މީހަކަށް ޢާޚިރަތް ދުވަހު އެއްވެސް ބިރުވެރިކަމެއް ނެތެވެ! ސުވަރުގެ ވަންނަވީއެވެ! އެކަން ޤަބޫލުކުރާ ގިނަ ބައެއްގެ ސުވާލަކީ އެ މަތިވެރި ނިޢްމަތް ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟ އަދި އެ މަތިވެރި ނިޢްމަތް ލިބިގަތުމަށްޓަކައި ބައެއް މީހުން ވަރަށް ބޮޑެތި ބުރަތައްވެސް އުފުލައެވެ.
ﷲ ތައާލާގެ ހިނިތުންވެވޮޑިގަތުން ލިބޭނެ 3 މީހުންގެ ތެރެއިން އެކަކީ ނިދަން އޮތް އަރާމު ތަންމައްޗާއި ލޯބިވާ ބައިވެރިޔާ ދޫކޮށްލުމަށްފަހު ރޭ އަޅުކަމަށް ނިދީން ހޭލާ މީހާއެވެ. މިއީ ހަމަ އެއްވެސް ބުރަކަމެއް ނޫނެވެ. ކޮންމެހެން ދަނަވްރު 2 ޖަހާއިރު ތެދުވުމެއްވެސް ނެތެވެ. އެކަން އޮތީ އެއަށްވުރެ ވެސް މާ ލުއިކޮށެވެ.
މުސްލިމުންނަކީ ފަތިސް ނަމާދަށް ހޭލަންޖެހޭ ބައެކެވެ. އެކަމަށް އިންކާރެއް ނުކުރެވޭނެއެވެ. ވީމާ ކުރަންޖެހޭ ކަމަކީ ފަތިސްވުމުގެ 30 ވަރަކަށް މިނިޓް ކުރިން ހޭލުމެވެ. ހޭލައި ދަމުނަމާދުކޮށްލުމެވެ. ދުޢާ ކުރުމެވެ. މިއީ އެކަން ކުރަން ބޭނުންވި މީހަކަށް އެއްވެސް ބުރަ ކަމަކަށް ނުވާނެއެވެ.
ނިކަން ބުނެބަލާށެވެ. 10 ޑޮލަރަށް 100 ގަރާމް ރަން ގަންނަން ލިބޭނެ ނަމަ ނުގަންނާނީ ކާކުހެއްޔެވެ؟ 100 ގްރާމް ރަން ގަތުމަށްޓަކައި 10 ޑޮލަރު ހޭދަކުރަންޖެހުމަކީ ޖީބަށް ބުރަ ކަމެއް ކަމަށް ދެކޭނީވެސް ކާކު ހެއްޔެވެ؟ ވީއިރު ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު އެއްވެސް ބިރުވެރިކަމަކާއި ކުރިމަތިލާން ނުޖެހި ސުވަރުގެ ވަނުމަށްޓަކައި ރޭގަނޑުގެ ނިދިން 30 ވަރަކަށް މިނިޓް ހޭދަކޮށްލުމަކީ ތަކްލީފެއް ކަމަށް ދެކޭނީ ކާކުހެއްޔެވެ؟ ސުވަރުގެ ލިބުމަށް އެދޭ މީހަކު ދެކޮޅުހަދާނެހެއްޔެވެ؟
އަހަރެން ޤަބޫލުކުރާ ގޮތުގައި ދަމުނަމާދަށް ތެދުވުމުން ލިބެން އޮތް ބޮޑު ފައިދާ ހިތުގެ އަޑިން ޤަބޫލުކުރާ އެއްވެސް މީހަކަށް ދަމުނަމާދަށް ހޭލުމަކީ އެއްވެސް ބުރަ ކަމަކަށް ނުވާނެއެވެ!
މީސްތަކުންނޭވެ! ދިގުކުރަން ކިތަންމެ ގިނަ ވާހަކަތަކެއްވެސް ދެއްކިދާނެއެވެ. މިކަމުގައި ކިޔައިދޭން ހުރީ ހަމަ އެއް ވާހަކަތަކެކެވެ. އަހަރެންގެ އާދޭހަކީ ހަމަ ކޮންމެ މީހަކީވެސް ﷲ ތައާލާގެ ހިނިތުންވެ ވޮޑިގަތުން ލިބި ފަސޭހަކަމާއިއެކު ސުވަރުގެ ވަނުމަށް ގަދައަޅައި މަސައްކަތްކުރާ މީހަކަށްވުމެވެ!
އަހަރެމެން ކުރަންވީ ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލުމެވެ. ބޭކާރު ގޮތުގައި ހޭލާ އުޅުން ހުއްޓާލައި އަވަހަށް ނިދަން ފެށުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން