ތަނަވަސްކަމާ މަތީ ޝަރަފަކާ މަޤާމެއް ލިބުމުން މިއަދު ބޮޑާވާ މީހުންނަށް ޤިޔާމަތް ދުވަހު ޖެހޭނެ ޙާލު ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ތަނަވަސްކަމާ މަތީ ޝަރަފަކާ މަޤާމެއް ލިބުމުން މިއަދު ބޮޑާވާ މީހުންނަށް ޤިޔާމަތް ދުވަހު ޖެހޭނެ ޙާލު ޤުރްއާނުން-

ތަނަވަސްކަން ނުވަތަ މަތީ މަޤާމެއް ލިބުމުން ތިމާގެ އެކުވެރިންގެ މަތިންވެސް ހަނދާން ނައްތައިލާ މީހުން ވަރަށް ގިނައެވެ. ފަޤީރު ނިކަމެއްޗަކަށް ބަލަލަންވެސް ބޭނުމެއް ނުވެއެވެ. އެދަދަ މީހުން އަޑުއަހާށެވެ!

މަތީ މަޤާމެއްގައި ހުރިމީހެއް ކަމުގައިވެ އެމީހާއަށް ގިނަ ބައެއްގެ ތަޢްރީފް ލިބޭއިރު އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންކަން އެނގޭ ކަމަކަށް ނުވެއެވެ. އެނގޭނަމަ ﷲ ތަޢާލާއަށް ބިރުވެތިވީހެވެ.

ބައެއް މީހުން އެމީހުންގެ މަޤާމާއި ތަނަވަސްކަމާއި ހައިޞިއްޔަތާއިމެދު ބޮޑާވަނީ ވަކިވަރަކަށް ނޫނެވެ. ބޮޑާވަމުންގޮސް ތިމާ އުފައްދަވައި ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާ މަތިންވެސް ހަނދުމަނެތިކޮށްލައެވެ. ނަމާދަށް ޚާއްޞަކޮށް މިސްކިތުގެ ޖަމާއަތަށް ނަމާދަށް އަރަންވެސް ލަދުގަނެއެވެ. ﷲ ތަޢާލާއަށް ސަޖިދަކުރަން ވެސް ލަދުގަންނަނީ ކަމަށްވެދާނެއެވެ. ތިމާ އާއި ޖެހިގެން ނިކަމެތި މީހަކު ސަފުގައި ހުރެދާނެތީކަމަށްވެސް ވެދާނެއެވެ.

މިވާގޮތަކީ ތިމާއަށް ތިމާގެ ހައިޞިއްޔަތު ފެނި ބޮޑާވެ ކިބުރުވެރިވެވެނީއެވެ. ފަޚުރުވެރިވެވެނީއެވެ. ނިޞްބަތްވާ ޢާއިލާއަށެވެ. ލިބިފައިވާ މަތިވެރި މަޤާމަށެވެ. ޢިއްޒަތާއި ޝަރަފަށެވެ. ބައެއް މީހުންނަށް މަތީ މަޤާމެއް، ޢިއްޒަތެއް ޝަރަފެއްލިބިއްޖެނަމަ ނުވަތަ ތަނަވަސްކަން ލިބިއްޖެނަމަ ބޮޑާކަން ލިބިގަނެ އެންމެ ގާތް އެކުވެރިންގެ މަތިން ވެސް ހަނދާން ނައްތައިލައެވެ.

މިފަދަ މީހުން ހަމައެކަނި މި ދެއާޔަތަށް ވިސްނައިލާށެވެ. "ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ." އޮތް ބަސްފުޅަށް ޚާއްޞަކޮށް ވިސްނައިލާށެވެ.

"ﷲއަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، ޤިޔާމަތް ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ." (ޒުމަރު 60)

"އެއުރެންނީ، ﷲ ގެ އާޔަތް ތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. ﷲ ގެ ޙަޟްރަތުގައްޔާއި، އީމާންވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ." (ޣާފިރު: 35)

މީސްތަކުންނޭވެ! ކުޑަކުޑަ މަނިތިއްކަކުން އުފެދޭ އިންސާނާ ބޮޑުވެ ގައިބާރުޖެހުމުން ކިތަންމެ މަތީ މަޤާމެއް ލިބުނު ނަމަވެސް އަދި ކިތަންމެ ބޮޑު ތަނަވަސްކަމެއް ނުވަތަ ކިތަންމެ ބޮޑު ބާރުވެރިކަމެއް ލިބުނު ނަމަވެސް މުސްކުޅިވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ ގައިގެ ބާރު ދެރަ ނުވަނީ ކާކުގެ ހެއްޔެވެ؟ މަރުވުމުގެ ވަގުތު ޖެހުމުން މަރުނުވަނީ ކާކު ހެއްޔެވެ؟ މިކަންކަން އަބދުވެސް ލޯތަކަށް ފެންނަމުންދާއިރު ޢިބްރަތް ޙާޞިލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިކަން ކުރާ މީހުން ފުރޮޅުލީ ގޮނޑީގައި އުޅެ މަރުވަމުންދާތަން ނުފެންނަނީ ހެއްޔެވެ؟

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތައާލާ އެމީހަކަށް ބައްލަވައި ވެސް ނުލައްވަވާނެ މީހުންގެ ތެރޭގައި "ކިބުރުވެރި ސަލާންޖަހާ މީހާ" ހިމެނެއެވެ. ވީމާ އިއްޒަތާއި ތަނަވަސްކަން ދެއްވެވުމުން ކިބުރުވެރިވެ ބޮޑާވާ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން