ދަރިން ލައްވައި ފަތިސްނަމާދުނުކުރުވާ މައިންބަފައިންނަށް އެހެދެނީ އެންމެ ބޮޑު ގޯހެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަރިން ލައްވައި ފަތިސްނަމާދުނުކުރުވާ މައިންބަފައިންނަށް އެހެދެނީ އެންމެ ބޮޑު ގޯހެވެ!

ދައްކަން މިއުޅެނީ އެމީހުންވެސް ނަމާދުނުކުރާ މައިންބަފައިންގެ ވާހަކައެއް ނޫނެވެ. އެމީހުން ނަމާދުނުކޮށް އެތިބެނީ ސުވަރުގެ ވަންނަން ބޭނުން ނުވާތީ ކަމަށްވުމުންނެވެ. ބަހެއް މިބުނަނީ ތިމާމެން ނަމާދުކުރަމުން ދަރިން ލައްވައި ފަތިސްނަމާދުނުކުރުވާ މައިންބަފައިންނެވެ.  

ނަމާދުކުރާ މައިންބަފައިންގެ ތެރެއިން ގިނަ މީހުން އެމީހުންގެ ދަރިން ލައްވައި ފަތިސްނަމާދު ނޫން  ނަމާދުތައް ކުރުވައެވެ. އިހްމާލްވަނީ ވަތިސްނަމާދަށެވެ. އެފަދަ ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ފަތިސްނަމާދަށް ކުދިން ހޭލެއްވުމުން ނިދިމަދުވެ ކުދިންނަށް ގެއްލުން ލިބިދާނެ ކަމަށެވެ. އެމީހުން ބިރުގަންނަނީ ނިދިމަދުވެ ސްކޫލުގައި ދޭ ފިލާވަޅުތަކަށް ސަމާލުކަން ކުޑަވެ ކިޔެވުމަށް ދަށްވެދާނެތީއެވެ. މަތީ ވަނައެއް ނުލިބިދާނެތީއެވެ.  

އަހުރެންގެ ސުވާލަކީ ނަމާދުކުރުވަންޖެހޭ ޢުމުރުގެ ކުދިން ލައްވައި ނަމާދުނުކުރުވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެކަމަށް ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟  

މިދިއަ ހުކުރު ދުވަހުގެ ޚުޠުބާގައި މިހެންކިޔާފައިވާކަންވެސް ނުއެނގެނީ ހެއްޔެވެ؟   

"އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި  ވަޞިއްޔަތަކީ (اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ‏)[1]  މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު އަށް ބިރުވެތިވާށެވެ!" 

ނަމާދުތަކަށް ރައްކައުތެރިވާން ވަޞިއްޔަތް ކުރައްވަވާފައި ވިއްދައިގެން " އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު އަށް ބިރުވެތިވާށެވެ!" ޙަދީޘްފުޅު ކުރައްވަވާފައި އޮތް އޮތުމަށް ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟  

ބެލެނިވެރިން ކުރަން އޮތް ކަމަކީ އަވަހަށް ދަރިން ނިންދެވުމެވެ. ރޭގަނޑުގެ ކެއުމަށްފަހު ވީހާއަވަހަކަށް ދަރިން ނިނެދުމަށް އާދަކުރުމެވެ. އެއިރުން ފަތިސްވާއިރު ތިބޭނީ ނިދިހަމަވެފައެވެ. ހޭލައްވައި ފަތިސްނަމާދުކުރުވާށެވެ! ސްކޫލަށް ގެންދަން ތައްޔާރުކުރަންޖެހޭ ވަޤުތު ޖެހެންދެން ފިލާވަޅުތައް ދަސްކުރުވާށެވެ!  

ފަތިހުގެ ވަޤުތަކީ ބަރަކާތް ލައްވަވާފައިވާ ވަޤުތެކެވެ. ވީމާ އެންމެ ބައިގަޑިއިރު ފިލާވަޅު ދަސްކުރިޔަސް އެނޫން ވަޤުތެއްގެ 3 ގަޑިއިރަށްވުރެ ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

- އަލަފް

މިއަދު އޮންލައިން