ކިތަންމެ ގާތް މީހަކުނަމަވެސް ނުބައިކަމެއްކޮށްފިނަމަ އެކަން ކުށްވެރިނުކޮށް ދިފާޢުކުރުމަކީ އެއްވެސް މީހަކަށް ކުރަން ހުއްދަ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކިތަންމެ ގާތް މީހަކުނަމަވެސް ނުބައިކަމެއްކޮށްފިނަމަ އެކަން ކުށްވެރިނުކޮށް ދިފާޢުކުރުމަކީ އެއްވެސް މީހަކަށް ކުރަން ހުއްދަ ކަމެއް ނޫން!

ކިތަންމެ ގާތް މީހަކު ނަމަވެސް ފާފައެއް ކުރާކަން އެނގޭނަމަ އެކަން ހުއްޓުވަން މަސައްކަތްކުރަންވާނެއެވެ. އެއީ މުސްލިމެއްގެ ޙައިޞިއްޔަތުން ކޮނަމެ މީހަކުވެސް އަދާކުރަންޖެހޭނެ ވާޖިބެކެވެ. އުފުލަންޖެހޭނެ ޒިންމާއެކެވެ. އެޒިންމާ އަދާނުކޮށް އޭނާ ކުރިކަންކަން ދިފާޢުކުރާނަމަ އެކަން ވެގެންދާނީ ފާފަކުރަން ދެވޭ ހިތްވަރަކަށެވެ. އެއީ ކުރެވޭ ބޮޑު ފާފައެކެވެ. 

އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ޙަރާމް ކުރައްވަވާފައިވަނީ ﷲ ތަޢާލާއެވެ. އަދި ހުއްދަ ކުރައްވަވާފައިވާ ކަންކަން ހުއްދަކުރައްވަވާފައިވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ޙަރާމް އެއްވެސް ކަމެއް ކުރުމަށްފަހު އެކަން ހުއްދަކުރަން އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. އެހެނީ ﷲ ތަޢާލާގެ އެއްވެސް ޙުކުމްފުޅަކަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ގެނައުމުގެ ހުއްދަ ލިބިގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. 

ދެން އޮތީ އިންސާނާގެ ކިބައިގައި ހުންނަ އުނި ކަންކަމުގެ ސަބަބުން ޙަރާމް ކަމެއް ކުރެވުމެވެ. ޙަރާމްކަމެއް ކުރެވިއްޖެނަމަ އޮތީ ތައުވުމަށް އަވަސްވެގަތުމެވެ. ތައުބާ ނުވެ ހުއްޓައި މަރުވެއްޖެ ނަމަ އެއީ އެމީހާގެ މައްސަލައެކެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް ބައެއް މީހުންނަށް ފާފަ ކުރެވުމުން އެކަމުން ސަލާމަތްވާން ބަހަނާތައް އެބަދައްކައެވެ. ބަހަނާތައް ގިނަކުރަމުން ގޮސް ޙަރާމް ކަންކަން ޙަލާލުކަންކަމުގައި ދައްކަން ވެގެން އެބަވާހަކަދައްކައެވެ.  

އެއިރުން އެކުރެވެނީ އިތުރުފާފައެކެވެ. އެއިރުން އެކުރެވޭ ކަމަކީ ޙަރާމް ކަންކަންކުރަން އެހެން މީހުންނަށް ހިތްވަރުދިނުމެވެ. ކަމުގެ ޙަޤީޤަތް އޮޅުވައިލުމެވެ. އެއިރުން އެކަންވާނީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ފަދަ ކަމަކަށެވެ. އެއީ ކާކަށް ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން