މީހަކު މާގިނައިން ކަންކަމަށް އެދޭނަމަ ނުވަތަ މާގިނަ ކަންކަމަށް އެދޭނަމަ އެމީހެއްގެ މަތިން ފޫހިވުމަކީ އިންސާނުންނަށް ކުރެވޭ ކަމެކެވެ. އެއީ އެމީހަކަށް އެހީތެރިވުމުން ތިމާއަށް މަދުވާކަން އިޙްޞާޞްކުރެވޭތީއެވެ. ދުނިޔޭގެ އެންމެން އެދޭ ހުރިހާ ކަމެއް އެއްފަހަރާ ފުއްދަވައި ދެއްވެވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ. ވީމާ ކަންަކމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުގެ ކަންކަން މިއޮތީ މުޅިން ތަފާތު ގޮތަކަށެވެ.
ތިމާއަށް ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަކަށް އެދި ދަންނަވަން ލަދުވެތިނުވާށެވެ! ކިތަންމެ ގިނަ ކަންތައްތަކަކަށް ނަމަވެސް އެދި ދަންނަވަމުން ގެންދާށެވެ! ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދި ދެންނެވުމަކީ އެކަލާނގެ ހަޟްރަތުގައި އެމީހާގެ ދަރަޖަ މަތިވެރިވެ އުފުލިގެންދާ ކަމެކެވެ.
ބައެއް ކަންކަން ވަރަށް އަވަހަށްވެސް ހިންމަވައި ދެއްވަވައިފާނެއެވެ. އަނެއްބައި ކަންކަން ތަންކޮޅެއް ފަހުންވެސް ހިންމަވައި ދެއްވަވައިފާނެއެވެ. އަނެއްބައި ކަންކަން ހިންމްވައި ނުވެސް ދެއްވަވައިފާނެއެވެ.
އެކަމުގައި ވިސްނާލަން ޖެހޭނެ ގޮތަކީ ކަންކަން ހިންމަވައި ދެއްވަވާނީ އެކަމަކުން އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަޤުތުގައި ކަމެވެ. އަދި ދުނިޔޭގައި ހިންމަވައި ނުދެއްވަވާނީ ހިންމަވައި ދެއްވަވައިފިނަމަ އެމީހަކަށް އެކަމުން ފައިދާކުރުމުގެ ބަދަލުގައި ގެއްލުން ލިބިދާނެ ކަމަށްޓަކައެވެ.
މިވާހަކަތައް ވަރަށް ގިނައިން ހަނދުމަކޮށްދެމެވެ. އެއީ ހަމަ ގިނަ ބައަކު ސުވާލުކުރާތީއެވެ. ގިނަ ކަންކަމަށް އެދި ދެންނެވުމަކީ ކުރަންހެޔޮވެދާނެ ކަމެއްތޯވެސް އެބަ ސުވާލުކުރެއެވެ. ޖަވާބަކީ ކިތްނަމެ ގިނަ ކަންކަމަށް ބޭނުންވިނަމަވެސް ދުޢާކުރަމުން ގެންދަންވީއެވެ. 1000 ކަންތަކަށް އެއްފަހަރާ އެދި ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ. ހަމަ ދަންނަވަމުން ގެންދަންވީއެވެ.
ގިނައިން ކަންކަމަށް އެދި ދަންނަވާވަރަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އެމީހާގެ ޤަދަރު ދާނީ އުފުލެމުންނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން