ކޮންމެ މީހަކުވެސް އެންމެ ލޯބިވާނީ ހިތްދެކެ ކަމަށްވާއިރު ހިތުގައި އަތްނުލެވޭކަމާ އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅުމާ ހުރި ގުޅުން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކޮންމެ މީހަކުވެސް އެންމެ ލޯބިވާނީ ހިތްދެކެ ކަމަށްވާއިރު ހިތުގައި އަތްނުލެވޭކަމާ އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅުމާ ހުރި ގުޅުން އެނގޭތަ؟

ލޯބިވުމަކީ ކޮބައިތޯ ސުވާލުކުރުމުން އެކަކު ބުނީ ރެސްލިންގ ތެޅުން ކަމަށެވެ. އަނެކަކު ބުނީ ކަބައްޑިކުޅޭއިރުފަދައިން ހިފައި އޮޅުލުން ކަމަށެވެ. 3 ވަނަ މީހާ ބުންޏެވެ. މީހަކު ދެކެ ލޯބިވާން އެނގެން ޖެހޭނެ އަސާސީ ކަންކަންވެސް 2 އެކުވެރިންކުރެ އެކަކަށްވެސް ނުއެނގުނީތާއެވެ. ލޯބިނުދޭތީ ދެއެކުވެރިންގެ އަނބިން އެކުރާ ޝަކުވާއަކީ ވަރަށް ބުރަދަން ހުރި ޝަކުވާއެއްކަންވެސް އެނގުނީތާއެވެ!  

ކައިވެނި ކުރެވުމަކުން މީހާ މީހަކަށް ނުވެއެވެ. އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް މީހާ މީހަކަށް ހަދައިދެނީ އެމީހެއްގެ ޒަވާޖީ ޙަޔާތް ކާމިޔާބުވުމެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވެނީ އެމީހަކަށް ލިބެން ޖެހޭ ލޯބި ތެދުވެރި ގޮތުގައި ލިބުނީމައެވެ.  

ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުންގެ މޫނު ދެފަރާތަށް އެނބުރިގެންދާ އެންމެ ޢާންމު ސަބަބަކީ ކައިވެނިން ލިބެންވާ ލޯބި ނުލިބުމެވެ. ލޯބި ލިބިދާނެ ކަމުގެ އުންމީދުވެސް ކެނޑުމެވެ. އެހެން ގޮތެއް ހޯދުމުގެ ވިސްނުން އަންނަންފަށާ އެންމެ ޢާންމު ސަބަބަކީވެސް އެއީއެވެ. 

މިޙާލަތުގައި ލޯބި މާނަކުރަންޖެހޭނީ ދެމީހުން ބައްދައި އޮޅުލުމަކަށް އެކަންޏެއް ނޫނެވެ. އަހުރެންނަށް ވިސްނޭ ގޮތަށް ދަރަޖަ ކުރާނަމަ އެއީ ގާތްގަނޑަކަށް އެންމެ 20 އިންސައްތައެވެ. އަނެއް 80 އިން ސައްތަ ޚާއްޞަވެގެންވަނީ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުމަށެވެ. އެކަކު އަނެކަކަށް ކަމޭހިތައި އަޅައިލުމަށެވެ. އެހީތެރިވުމަށެވެ.  

ހަމައެކަނި ބައްދައި އޮޅުލުމަކީ ލޯބި ކަމަށް ޤަބޫލުކުރާނަމަ އެމީހަކީ ދިރިއުޅުމަށް ވިސްނާ މީހަކަށް ނުވާނެއެވެ. އެމީހަކު ވާނީ އެހެންކަމަކަށް ވިސްނާ މީހަކަށެވެ. އެފަދަ މީހުންގެ ކުރިމަތީގައި ހަރުދަނާ ދިރިއުޅުމަކީ އެއްވެސް މުހިންމު އެއްޗަކަށް ނުވާނެއެވެ.  

އަހުރެމެންނަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ހުޅަނގުގެ ކަންކަން ކޮޕީކުރަމުން ގޮސް ދިރިއުޅުމުގެ ހުރިހާ ކަންކަން އެމީހުންނާއި އެއްގޮތްކުރަން މަސައްކަތްކުރެވެނީއެވެ. ހުޅަނގުގެ މީހުންނަކީ ކައިވެންޏަކީ މުހިންމު އެއްޗެއް ކަމަށް ދެކޭ ބައެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކީ ދުނިޔޭގެ ލައްޒަތެވެ. ނަމަވެސް މުސްލިމުންނަށް އެންމެ މުހިންމީ ކައިވެންޏެވެ. މުސްލިމުން ދުނިޔޭގެ ލައްޒަތު ހޯދަން އޮތީ ކައިވެނީގެ ތެރެއިންނެވެ. 

އަހުރެން ބުނާނީ ކޮންމެ ދެމަފިރިއަކުވެސް ލޯތްބާއި ލޯބިދިނުމާއިމެދު މި ޙަޤީޤަތްތައް ޤަބޫލުކޮށްފިނަމަ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. ލޯތްބަކީ އުފާވެރިކަމާއިއެކު ދިރިއުޅުން ކަމަށް ޤަބޫލުކޮށްގެން ދިރިއުޅޭނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވެ އުފަލުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ

 

- އަލަފް

މިއަދު އޮންލައިން