މަރުވެދާނަކަމަށް ބިރުގަނެގެން ކުރާނެ ފައިދާއެއް ނެތް! ވިސްނަން އޮތް ކަންތައް މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
މަރުވެދާނަކަމަށް ބިރުގަނެގެން ކުރާނެ ފައިދާއެއް ނެތް! ވިސްނަން އޮތް ކަންތައް މާބޮޑު!

މިހާތަނަށް ކުރެވިފައިވާ ހުރިހާ ދިރާސާތަކުންވެސް އެނގޭ ގޮތުގައި 100 އަކުން 99 މީހުން މަރުވެދާނެތީ ބިރުގަނެއެވެ. މުހިންމީ ދެން ހާމަވާ ނަތީޖާއެވެ. އެއީ މަރުވެދާނެކަމަށް މަރަށް ތައްޔާރުވާ މީހުންގެ ޢަދަދު މިފެންނަނީ 100 އަކުން އެންމެ 5 އެވެ. ވީމާ އެންމެ ބޮޑު މައްސަލައަކީ މިއީއެވެ. 

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "މަރަށް ބިރުގަންނަނީ ހާދަމަދުބައެކެވެ. އެއީ ފަތިސްނާމެދުގެ ޖަމާޢަތުން މިފެންނަ މީސްކޮޅެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހުންގެ ޢަދަދު މާމަދެވެ. އެމީހުންނަކީ ރޭއަޅުކަންކުރާ މީހުންކޮޅެވެ." 

ޢިލްމްވެރިޔާ އެވިދާޅުވާ ބަސްފުޅުގައި ވަރަށް ބޮޑު ޙަޤީޤަތެއްވެއެވެ. ނަމަވެސް ވިސްނޭނީ ވިސްނަން ބޭނުންވާ މީހަކަށެވެ. 

މީހަކު މަރުވުމުން އެމީހާ މަރުވި ސަބަބު އެމީހަކަށް ފެންނަ ގޮތަކަށް ހާމަކުރުން މިދަނީ ގިނަވަމުންނެވެ. އެކަމުން އެނގެނީ މަރާއިމެދު އެނގޭ މިންވަރު ކުޑަކަމެވެ. ނުވަތަ ޤަބޫލުކުރުމުގައި ހުރި މައްސަލަތަކެވެ. އެހެންކަމުން މަރާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! ތިރީގައި އެވަނީ މަރާއިމެދު ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ލިޔުމެކެވެ. 

މީސްތަކުންނޭވެ! މަރުވުމުގެ ވަގުތު އައިސް ޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް މަރުވާނެއެވެ. ކޮންމެވެސް ބައްޔެއްގައިވެސް މަރުވެދާނެއެވެ. އެއްވެސް ބައްޔެއް ނުޖެހި ވެސް މަރުވެދާނެއެވެ. އެކްސިޑެންޓެއްގައިވެސް މަރުވާދާނެއެވެ. އެއްވެސް ކަމެއް މެދުވެރި ނުވެވެސް މަރުވެދާނެއެވެ.  މަރުވާނީ އެމީހެއްގެ ނިމުން ﷲ ތައާލާ މިންވަރުފުޅު ކުރައްވަވާފައިވާ ގޮތަކަށެވެ. އެކަމަށް ބަދަލެއް ނުގެނެވޭނެއެވެ. 

މީހަކު މަރުވުމުން މިއަދު އެކަން މިއަޅުވަނީ ކޮންމެވެސް ބައްޔެއްގައެވެ. ނުވަތަ ހާދިސާއެއްގައެވެ. ނުވަތަ ހަމަލާއެއްގައެވެ! ނަމަވެސް އެއީ ޙަޤީޤީ ސަބަބެއް ނޫނެވެ. ޙަޤީޤީ ސަބަބަކީ އެމީހަކު މަރުވުމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ގޮތެވެ! ނަމަވެސް އަހަރެމެންނަށް އެކަން ޤަބޫލު މިކުރެވެނީ ހަޤީޤަތް ފުރޮޅާލައިގެންނެވެ! 

ބިރުގަންނަންވީ މަރުވެދާނެ ކަމަކަށް ނޫނެވެ. ބިރުގަންނަންވީ މަރުވުމުން ޢާޚިރަތް ލިބޭނެ ކަމާއިމެދުގައެވެ. ނަރަކައިން ސަލާމަތްވެވޭނެ ކަމާއިމެދުގައެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވެދާނެ ކަމާއިމެދުގައެވެ. ނަމަވެސް މިއަދު މިފެންނަނީ އެންމެންވެސް މަރުވެދާނެތީ ބިރުން އުޅޭތަނެވެ! ކިތަންމެ ވަރަކަށް ބިރުން އުޅުނު ނަމަވެސް މަރުވާނެއެވެ.! 

ވީމާ ވިސްނަންވީ ދުނިޔޭގައި ހުރެ ހެޔޮ އަމަލުތައް ކުރުމަށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަށެވެ! އަބަދުވެސް ، ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ތައްޔާރަށް ހުންނާށެވެ! އެއިރުން މަރުވެދާނެތީ ބިރުން ތިބޭކަށް ނުޖެހޭނެއެވެ! 

މުސްލިމުންނަކީ މަރާލައިފާނެތީ ޖެހިލުންވާނެ ބައެއް ނޫނެވެ. މުސްލިމުންގެ އަދަދު އިންތިހާއަށް މަދުއިރުވެސް މުސްލިމުން ވަނީ ޘާބިތުކަމާއިއެކު އެކަން ދުނިޔެއަށް ދައްކައިދީފައެވެ. 

ނަޖުދުގެ ލީޑަރު މާލިކް ބުނި ޢައުފު ހިމާޔަތް ދިނުމުން ނަޖުދު ކަރައަށް ދީނަށް ގޮވައިގޮވައިލެއްވެވުމަށް ފޮނުއްވެވި ކީރިތި ޤްރްއާން ހިތުދަސް 70 ބޭކަލުންގެ ތެރެއިން 69 ބޭކަލުން އެކުގައި ޝަހީދުކުރި ހާދިސާއަށް ބަލާށެވެ. އެހާދިސާގައި ފުރަތަމަ ޝަހީދުކޮށްލެވުނީ އަނަސް ބިން މާލިކްގެފާނުގެ ބޮޑުބޭބޭފުޅު ޙަރާން އިބްން މަލްހާންގެފާނެވެ. 

ބުރަކަށިފުޅުން ކޮއްޕައިލި ހަތިޔާރު ބަނޑުފުޅުން ނުކުމެ ލޭފޮދު އޮހޮރެމުންދިއައިރު ވިދާޅުވީ ކީކޭ ކަމަށްގެއްޔެވެ؟ "މާތް ﷲ ތިމަން ކަލޭގެފާނަށް ނަޞްރު ދެއްވަވައިފިއެވެ. ތިމަން ކަލޭގެފާނަށް ކާމިޔާބުވެއްޖެއެވެ." 

ރަސޫލް (( އެ 70 ބޭކަލުން ނަޖުދުކަރައަށް ފޮނުއްވެވީ އެމީހުންގެ ލީޑަރު ހިމާޔަތް ދިނުމުންނެވެ. އެ ޤަބީލާގެ މީސްތަކުންނަށް އިސްލާމް ދީނަށް ގޮވައިލެއްވުމަށް ދައުވަތު ދެއްވެވުމުންނެވެ. ޙަރާން އިބްން މަލްހާން ޝަހީދުކޮށްލެވުނީ އެކަލޭގެފާނު ވަށައިލުމަށްފަހު އިސްލާމް ދީނުގެ މައުލޫމާތު ހާމަކުރައްވަން އެދުމުން އިސްލާމް ދީނުގެ މައުލޫމާތު ހާމަކުރައްވަވަމުން ގެންދަވަނިކޮށެވެ. މިއަށްވުރެ ވަކިން ފުރިހަމަ ޝަހީދަކީ ކޮބައިހެއްޔެވެ؟ ޝަހީދުކޮށްލެވުނު ވަގުތު އެވިދާޅުވި ބަސްފުޅަސްވުރެ ވަކިން ފުރިހަމަ ބަސްފުޅަކީ ކޮބައިހެއްޔެވެ؟ 

މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެއްވެސް ކުށެއް ނެތި މުސްލިމުންތައް އެގެންދަނީ ޝަހީދުކުރަމުންނެވެ. ނިޔުޒީލަންޑުގައި 50 މުސްލިމުން އެއްފަހަރާ ޝަހީދުކޮށްލީ މިސްކިތުގައި އަޅުކަމުގައި ތިއްބައެވެ. އަތުގައި އެއްވެސް ހަތިޔާރެއް ނެތް ބައަކަށް ހަތިޔާރުން ހަމަލާދީގެންނެވެ. 

މިއީ އަހަރެންގެ މެސެޖެވެ! މި މެސެޖް ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ފޯރުކޮށްދޭށެވެ! މި މެސެޖުން ކޮންމެ މުސްލިމަކަށްވެސް ފައިދާ ކުރާނެއެވެ! އިން ޝާ ﷲ

 

- އުސްތާޛް މުޢްތަސިމް ޢަލް ޙަމީދީގެ ދަރުސަކުން

 

މިއަދު އޮންލައިން