ﷲ ތަޢާލާ ތިމާއަށް ކަންކަން މެދުވެރިކުރައްވަވާނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރުމަކުން ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ﷲ ތަޢާލާ ތިމާއަށް ކަންކަން މެދުވެރިކުރައްވަވާނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރުމަކުން ނުފުދޭނެ!

އަހުރެމެން ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ތިމާއެދޭ ގޮތަށް ﷲ ތަޢާލާ ތިމާއަށް ހުރިހާ ކަމެއްވެސް މަގުފަހިކޮށްދެއްވަވާނެކަމަށެވެ. ހިންމަވައި ދެއްވަވާނެ ކަމަށެވެ. އެދެންވާނީވެސް އެގޮތަށެވެ. އެހެންކަމާއިއެކުވެސް އެމީހާވެސް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަންވާނެއެވެ. ނޫންނަމަ އެގޮތަށް އެދުމަށް ޝަރުޠު ފުރިހަމައެއް ނުވާނެއެވެ. 

ޤުފްސިއްޔަ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކޮންމެ މީހަކާއިމެދުވެސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އެމީހަކު ﷲ ތަޢާލާ އާއިމެދު ދެކޭ ގޮތަކަށެވެ. 

އެހެންވީމާ އަހުރެމެން ﷲ ތަޢާލާ އާއިމެދު ދެކެންވާނީ އެންމެ ރަނގަޅަށެވެ. އަހުރެމެންކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނެ ކަމަށެވެ. ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާނެ ކަމަށެވެ. އަހުރެމެންގެ ދުޢާ ޢިޖާބަ ކުރައްވަވައި އަހުރެމެންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެ ކަމަށެވެ. 

ދެން ބުނަން އޮތް ވާހަކައަކީ ހަމައެކަނި މިކަންކަން ހިތުން ދެކެގެން ނުފުދޭނެކަމެވެ. ހިތުން ދެކެންވާނީ، އުންމީދުކުރަންވެސްވާނީ ޢަމަލުންވެސް އެކަންކަން ދައްކަމުންނެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުންނެވެ. 

މާނައަކީ ފަރުޟުތައް އަދާކުރަމުން އަދި ސުންނަތް އަޅުކަންވެސް ކުރަމުންނެވެ. ވީހާގިނައިން ﷲ ތަޢާލާ ހަނދުމަކުރަމުންނެވެ. ޛިކުރުކުރަމުންނެވެ. އެހެން ނޫންނަމަ ހަމައެކަނި ހިތަށް އަރުވާ އެއްޗެއްގެ ފައިދާއެއް ނުކުރާނެއެވެ.   

އަހުރެމެންލާ ކޮންމެ ނޭވާއެއްވެސް ﷲ ތަޢާލާ އާއި ގުޅިފައިހުންނަންވާނެއެވެ. ނޭވާ ލެވެނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. މަރުވެ ނޭވާލުން ހުއްޓުމާއިއެކު މީހާގެ ފުރާނަ ވާނީ ހަށިގަނޑުން ނުކުމެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކޮށްފައެވެ. 

ވީމާ މިބަހުގެ މާނައަކީ ކުރާ ކޮންމެ ޢަމަލެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަން މަސައްކަތްކުރުމެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން