ނަމާދަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރި ދަރަޖަ އެނގޭ މީހަކު ބަންގީގެ ކުރިން މިސްކިތަށް ނާރައެއް ނުހުންނާނެ! ވަޤުތުޖެހުމުން ނަމާދުނުކޮށް އެހެންކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ނަމާދަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރި ދަރަޖަ އެނގޭ މީހަކު ބަންގީގެ ކުރިން މިސްކިތަށް ނާރައެއް ނުހުންނާނެ! ވަޤުތުޖެހުމުން ނަމާދުނުކޮށް އެހެންކަމެއް ނުކުރާނެ!

ޝައިޚް ޢަލީ ހައްމުދާ ވިދާޅުވެފައިވެއެވެ.  

މުސްލިމުންނަކީ ނަމާދުކުރަން ބޭނުންވާ ބައެކެވެ. ނަމަވެސް ކަންނެތްވެވެނީއެވެ. ވީމާ އަހަރެމެންނަށް އޮތްކަމަކީ ކަންނެތް ނުވާނެ ގޮތެއް ހޯދަން މަސައްކަތްކުރުމެވެ. އެކަމަށް ވިސްނައި ފިކުރުކުރުމެވެ. ވީމާ ފުރަތަމަވެސް ވިސްނައިލަންވީ ނަމާދުކުރަން ޖެހެނީ ކީއްވެގެންތޯއެވެ! އެއީ ކިހައިވަރެއްގެ މުހިންމު ކަމެއްތޯއެވެ؟  

މޫސާގެފާނަށް ބަސް ވަޙީކުރެއްވެވީ މަލާއިކަތަކު މެދުވެރި ނުކުރައްވަވައެވެ. މޫސާގެފާނަށް ﷲ ތައާލާ އެންމެ ފުރަތަމަ ވަޙީކުރެއްވެވި ބަސްފުޅާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟  

މޫސާގެފާނަކީ ﷲ ތައާލާގެ ރަސޫލްބޭކަލަކު ކަމުގައި އިޚްތިޔާރު ކުރެއްވެވިކަން ވަހީކުރެއްވެވުމަށްފަހު ވަޙީ ކުރެއްވެވީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެއްވެވުމަށެވެ. ވިދިގެން ވަޙީކުރެއްވެވީ ނަމާދު ޤާއިމުކުރެއްވެވުމަށެވެ. ކީއްކުރަން ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަފުޅު ކުރެއްވެވުމަށެވެ.  

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު  އުޑަށް އުފުލެއްވުނެވެ. މިޢްރާޖްގެ ދަތުރުފުޅުގައެވެ. ކިހައި ހިސާބަކަށް ހެއްޔެވެ؟ ޖިބްރީލްގެފާނަށްވެސް ވަޑައިގަތުމުމުގެ އިޒުނަފުޅު ނެތް ހިސާބަށެވެ. "ލައުހުލްމަޙްފޫޒް"ގައި ލިޔެވޭ އަޑުފުޅު އިވިވަޑައިގަންނަވާ ހިސާބަށެވެ. 

އެންމެ މައްޗަށް ރަސޫލް  އުފުއްލެވުމަށްފަހު ﷲ ތަޢާލާ 5 ނަމާދު ބާވައިލެއްވެވިއެވެ. އެހެން ހުރިހާ އަޅުކަމެއް ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައެވެ. އެހެންކަމުން އަހަރެން ޤަބޫލުކުރާ ގޮތުގައި ރަސޫލް އުޑަށް އުފުއްލެވީ ނަމާދު ބާވައިލެއްވެވުމަށެވެ. ނަމާދުގެ މުހިންމުކަން ބޮޑުކަމުން ޖިބްރީލްގެފާނުވެސް މެދުވެރި ނުކުރައްވަވައި ސީދާ މަސްއޫލިއްޔަތު ހަވާލުކުރެއްވެވުމަށެވެ. އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ!   

މީސްތަކުންނޭވެ! ބަޔާން މިކުރި ދެކަމުންވެސް އެނގިގެންދަނީ ނަމާދުކުރުމުގެ މުހިންމުކަމުގެ ބޮޑުކަމެވެ. ނަމަވެސް އަހރެމެން މިއަދު މިދަނީ ނަމާދުކުރުމަށް ކަންނެތްވަމުންނެވެ. އެހެން ނުހަދާށެވެ! ނަމާދަށް ކަންނެތްވާނަމަ މި ބަޔާންކުރި ދެ ކަމަށް ވިސްނައިލާށެވެ! މިކަންކަން ވިސްނުމުން ކަންނެތްކަން ފިލާނެއެވެ! ނަމާދު ނުކޮށް ހުންނަން ބިރުގަންނަން ފަށާނެއެވެ! ކޮންމެ ގޮތެއްވީ ނަމަވެސް އާޚިރަތް ދުވަހުގެ ސަލާމަތްކަން އޮތީ ނަމާދު ފުރިހަމައަށް އަދާކުރުމުންނެވެ!  

މީސްތަކުންނޭވެ! ޝައިޚްގެ މިބަސްފުޅުތަކަކީ ވަރަށް އަގުހުރި ނަޞޭޙަތެކެވެ. ކޮންމެ ކަމެއްވެސް ފަރުވާތެރިކަމާއިއެކުކުރަން ޝައުޤުވެރިވާނީ އެކަމުގެ މުހިންމުކަން ވިސްނިގެންނެވެ. ވީމާ ނަމާދުކުރުމާއިމެދު ހުރި މިކަންކަމަށް ސިކުނޑި ހުލުވާލައިގެން ވިސްނައިލާށެވެ! ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް ނަމާދު ޤާއިމްކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން 

ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާނީ އެމީހަކަށް ކުރެވުނު ނަމާދެވެ. އެހެނީ ނަމާދުކުރުމުގައި ފޭލްވެވިފައިވާނަމަ އެމީހާ ދެން ކުރި ހުރިހާ ޢަމަލުތަކެއް ބާޠިލްވެގެންދާނެތީއެވެ. އެ ސަބަބަށްޓަކައި ޢިލްމުވެރިން ބަޔާންކުރައްވަވަނީ ފާފަކުރެވޭ މީހުންވެސް ނަމާދުކުރަމުން ގެންދިއުމަށެވެ. އެއީ އެމީހަކަށް ހެޔޮމަގު ވިސްނޭ ދުވަހަކުން އެކަމުގެ ފައިދާކުރާނެތީއެވެ. އަދި ނަމާދުކުރާ މީހުންނަށް ތައުބާވެވުމުގެ ފުރުޞަތު އިތުރުވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން