ޛިކުރްކުރުންމަތީގަ ދެމިހުންނަން ބުނުމުން އެއިގެ މާނައަކީ އެެހންކަމެއް ނުކޮށް އަބަދު ޛިކުރުކުރުންމަތީގައި ހުންނަން ބުނުމެއް ނޫނެވެ. އެއިގެ މާނައަކީ ޛިކުރުނުކޮށް ގިނަ ވަޤުތުތަކެއް ފާއިތުވެގެންދިއަނުދިނުމެވެ. މަސައްކަތުގައި އުޅެމުންވެސް ވީވަރަކުން ޛިކުރުކުރުމެވެ. އެގޮތަށް އެކަންކުރުމަކީ ކުރަން ބޭނުންވާ މީހަކަށް ބޮޑުކަމަކަށްނުވާނެއެވެ. އިން ޝާ ﷲ
ޛިކުރުކުރުމުގައި ވެސް ކޮންމެ މީހަކުވެސް ބަލާނީ އެންމެ ފައިދާހުރި ނުވަތަ އެންމެ ބުރަދަން ބޮޑު ޛިކުރުތައް ކިޔުމަށެވެ. އެއީ ޤިޔާމަތް ދުވަހު އެންމެ ގިނަ ޘަވާބު ލިބިގަތުމަށް ބޭނުންވާނެތީއެވެ.
އެގޮތުން މިފާހަގަކޮށްލަނީ އެ ޛިކުރަކީ އެހެރަ ބިޔަ އުހުދު ފަރުބަދައަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ބުރަދަން ބޮޑު ޛިކުރެއްގެ ވާހަކައެވެ. އެއީ سبحان الله އެވެ.
سبحان الله ގިނަގިނައިން ކިޔުމަކީ މީހާގެ އީމާންކަން ވަރުގަދަވާކަމެކެވެ. އުހުދުފަރުބަދަ ބިންމަތީގައި ނުގުޑައި ސާބިތުވެ އެހުންނަ ފަދައިން އެމީހެއްގެ ހިތުގައި އީމާންކަން ނުގުޑައި ވަރުގަދަވެ ހުންނާނެ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ އެމީހެއްގެ ހިތުގައި ﷲ ތަޢާލާ އާއިމެދު އޮންނަ އިތުބާރާއި ޔަޤީންކަން އެހައިމެ ވަރުގަދަވެގެންދާނެއެވެ. އިން ޝާ ﷲ
އަދި ކީއްހެއްޔެވެ؟ ކިތަންމެ ބޮޑު ފިތުނަވެރިކަމެއް އުފެދުނު ނަމަވެސް އެއިގެ މާނައަށް ވިސްނައި ގިނަގިނައިން سبحان الله ކިޔާ މީހަކަށް ފިޠުނަތަކުން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން