ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ރަށްރަށުގެ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވިދާޅުވީ، މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން، ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށް ފޮނުވަންޖެހޭ ލޯންޗު ފެރީގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ގޮތުން ލޯންޗުތައް ނިމޭހާ އަވަހަކަށް ލާމު އަތޮޅުގައިވެސް އާރްޓީއެލްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންވީމާ އާރްޓީއެލްގެ ޚިދުމަތަށް އިންތިޒާރު ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ. ގާތްގަނޑަކަށް ފެބްރުއަރީ މާރޗްއާ ހިސާބަށް ދާއިރު މި އަތޮޅަށްވެސް އަދި ދެންހުރި ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށްވެސް އެ އޮތީ އެކަން ފެށޭގޮތްވެފައި. އެކަން އެގޮތަށް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ވަނީ މަޝްރޫޢެއް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ގިނަ އަތޮޅުތަކެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށިފައިވާއިރު، ބާކީ ހުރި އަތޮޅުތަކުގައިވެސް އަވަހަށް މި ޚިދުމަތް ފެށިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.