ބ. ކެންދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ލަސްވަމުންދަނީ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކުރީ ސަރުކާރުން މަސައްކަތް ހަވާލުކުރުމުގެ ސަބަބުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢު ފެށީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބާ ދިމާކޮށް ކަމަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކަމަށާއި، 2023 ވަނަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު އެ ކުންފުންޏަށް 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސައިޓުގައި އިންޖިނިއަރެއް ނެތި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކުރެހުމާ ޚިލާފަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ސައިޓުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ވުޒާރާގެ ޓީމުތައް އެކި ފަހަރުމަތިން ވަނީ ކެންދޫއަށް ޒިޔާރަތްކޮށްފައި. މި ދަތުރުތަކުގައި ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ކޮންޓްރެކްޓަރަށް އެކި ފަހަރުމަތިން ވާނީ އަންގާފައި،" ވަޒީރު ވިދާޅުވިއެވެ.
މަސައްކަތް އަވަސްކުރުމަށް ޕްރޮގްރެސް މީޓިންތައް ބާއްވައި މަޝްވަރާކުރެވުނު ނަމަވެސް، މައްސަލަތަކަށް ހައްލެއް ނުލިބުމާ ގުޅިގެން ކޮންޓްރެކްޓް ބާތިލުކޮށް، އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި މަޝްރޫޢު ޓަރމިނޭޓް ކުރުމަށް ޤާނޫނީ އިޖުރާއަތްތައް މިހާރު ވަނީ ފަށާފައި ކަމަށްވެސް ވިދާޅުވިއެވެ.