ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ޙައްޖު ކޯޕަރޭޝަންގެ ޤާނޫނެއް ހެދުމުގެ މަސައްކަތް ދަނީ މަސައްކަތްކުރަމުން: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ޙައްޖު ކޯޕަރޭޝަންގެ ޤާނޫނެއް ހެދުމުގެ މަސައްކަތް ދަނީ މަސައްކަތްކުރަމުން: ޑރ.ޝަހީމް

ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ޙައްޖު ކޯޕަރޭޝަންގެ ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ސަރުކާރުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ބޯޑުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަންދޫބު އުނިކޮށް، އެ ކޯޕަރޭޝަންގެ އުޞޫލުތަކަށް ބަދަލު ގެނެސްފައެވެ. މިކަމުގެ ސަބަބުން މިހާރު ވުޒާރާގެ އެއްވެސް ދައުރެއް ޙައްޖު ކޯޕަރޭޝަންގައި ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ޙައްޖުގެ ނިޒާމަށް ގެނައި ވަރަށް ނުބައި ބަދަލެއް. އަސާސީ ގަވާއިދު ބަދަލުކުރަންޖެހޭ. މިދިޔަ ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ބޯޑުން ވަކިކުރުން ކުށްވެރިކުރަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސަރުކާރެއްގައި ވެސް ޙައްޖުގެ ކަންކަން ރަނގަޅަށް ހިންގޭނެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން، އައު ޤާނޫނެއްގެ ދެލިކޮޕީ ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި އައު ޤާނޫނުގެ ދަށުން، ޙައްޖު ކޯޕަރޭޝަންގެ ހިންގުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދައުރު ހިމެނޭނެ ގޮތަށް އޮނިގަނޑު ބައްޓަންކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޙައްޖުގެ ކަންކަން ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި ހިންގުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން