ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކަލައިދޫއަށް ކުރެއްވި ޒިޔާރަތުގައި، ކަލައިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ކަލައިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކަލައިދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލ. އަތޮޅުގެ 11 ރަށަށް ކުރައްވާ ދަތުރުފުޅުގައި، އެ އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ލިބެންނެތް 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވާފައެވެ. މި ރަށްތަކަކީ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ 2 ރަށަށެވެ. ބީއެމްއެލްގެ އަމާޒަކީ މިމަހުގެތެރޭ މި ރަށްރަށުގައިވެސް ޚިދުމަތް ޤާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.