އަންނަ ރަމަޟާން މަހުގެ ކުރިން އިސްލާމީ ދާއިރާގެ ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކުގެ ތެރޭގައި 500 އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނެއެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"މިއީ މި ސަރުކާރުގެ އެއްވެސް އިހުމާލެއް އޮވެގެން ވެފައިވާ ކަމެއް ނޫން. އެހެން ބަޔަކު ހަވާލުކޮށްފައިވާ މަޝްރޫއެއް ޤާބިލުނޫން ބަޔަކާ ހަވާލުކުރުމުގެ ސަބަބުން އެ މަޝްރޫއު ލަސްވެފައި މިވަނީ. އަޅުގަނޑުމެންގެ ސަރުކާރު ގާއިމުވިފަހުން ހަވާލުކުރެވުނު މަޝްރޫއުތައް މިދަނީ ނިމެމުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. މިގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ދައްކަންޖެހޭ 170 މިލިޔަން ރުފިޔާ ދޫކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ބައެއް މަޝްރޫއުތައް މަޑުޖެހިފައިވަނީ ކުރީގެ ސަރުކާރުން އެ މަޝްރޫއުތައް ހަވާލުކުރި ކޮންޓްރެކްޓަރުންގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އެ މައްސަލަތައް ހައްލުކޮށް، ވީހާވެސް އަވަހަކަށް މަޝްރޫއުތައް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.