ކަލައިދޫ ދަނބިދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކަލައިދޫ ދަނބިދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ކަލައިދޫ ދަނބިދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ކަލައިދޫގައި ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ކަލައިދޫ އާއި ދަނބިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

155.94 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، ކަލައިދޫއާއި ދަނބިދޫއާ ދޭތެރޭ 1 ކިލޯމީޓަރުގެ ކޯޒްވޭއެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި، 36.17 މީޓަރު ދިގު މަގަކާއި، 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހެދުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢު 550 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ ޤާއިމުވުމުން، ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ކޯޒްވޭގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

މިއަދު އޮންލައިން