ޖިސްމާނީ ގޮތުން ޙައްޖަށްދާން ނުކުޅެދޭ މީހުންގެ ބަދަލުގައި އެހެން މީހަކަށް އެފުރުޞަތު ފަހިކޮށްދިނުމަށް ދަނީ މަޝްވަރާކުރަމުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ބޮޑެތި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުން ޙައްޖަށް ނުފޮނުވުމަކީ ސަޢުދީ ޢަރަބިއްޔާއިން އަބަދުވެސް ގެންގުޅޭ އުޞޫލެކެވެ. އަދި މިގޮތަށް ހަމަޖެހިފައި އޮންނަނީ ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމުގެ މަޤުޞަދުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ކިޑްނީ ފެއިލްވެގެން ޑަޔަލިސިސް ހަދައި ފަރާތްތަކާއި އޮކްސިޖަން ގުޅައިގެން އުޅޭ ފަރާތްތައް މި ފަރާތްތަކަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖިސްމާނީ ގޮތުން ނުކުޅެދިފައިވާ ފަރާތްތައް. ފުރާނައަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އޮންނަނީ އަންގާފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލީ ޤާބިލުކަން ހުރެ، ދާއިމީ ބައްޔަކަށް ފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ޙައްޖަށްދާން ނުކުޅެދޭ މީހުންގެ ބަދަލުގައި ޙައްޖު ކޮށްދިނުމަށް އެހެން މީހަކު ފޮނުވިދާނެކަމަށް ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފައެވެ.
މި މައްސަލައިގައި އިތުރު ހައްލެއް ހޯދުމުގެ ގޮތުން، އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި، ބަލިމީހުންނާއި ނުކުޅެދޭ މީހުންނަށްވެސް ޚިދުމަތް ލިބޭނެ ގޮތަކަށް ހަމަހަމަ އުޞޫލެއްގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.