ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުންދާ މަންޒަރު ދަނީ ފެންނަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވިދާޅުވެއްޖެއެވެ. މިފަދައިން އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މެންބަރު ޔޫސުފް ނަޝީދު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިޤްތިޞާދު އޮތީ ދަތި ހާލަތެއްގައެވެ. "އެހެންނަމަވެސް އެ ކަންކަމުން އަރައިގަނެ ޤައުމު ހަމަ މަގަށް އަޅުވާތަން މިއަދު ފެންނަމުން މިދަނީ،" މެންބަރު ވިދާޅުވިއެވެ.
ގަމު ދާއިރާއަށް ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީގެ ވާހަކަ ދައްކަވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި ގަމުގެ ކުނީގެ މައްސަލަ ހައްލުކޮށްދީ، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ވަނީ ރަށަށް ގެނެސްދެއްވާފައެވެ. މީގެއިތުރުން، ގަމު ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް 2000 އަކަފޫޓުގެ ގޯތި 4000 އަކަފޫޓަށް ބަދަލުކޮށްދެއްވާފައިވާ ކަމަށާއި، ލ. ބޮޑުފިނޮޅު، ގަމުގެ އިޙްތިޞާޞްގެ ދަށަށް ބަދަލުކޮށްދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާ ގުޅިގެން ބަލި މީހުން މާލެ ގެނައުމުގައި މުޅި ލ. އަތޮޅަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވާކަން މެންބަރު ޔޫސުފް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.