ތަޅުދަނޑި ހަވާލުނުކުރާ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެ: އެފްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތަޅުދަނޑި ހަވާލުނުކުރާ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެ: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ތެރެއިން ތަޅުދަނޑި ހަވާލުނުކުރާ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 125 ހައުސިން ޔުނިޓް ހިމެނެއެވެ. އެގޮތުން މިހާތަނަށް ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓާއެވެ. މިހާރު ވަނީ ބައެއް އާއިލާތަކުން އެ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އެފްޑީސީން ބުނާ ގޮތުގައި ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން މަސައްކަތް ނިމި، ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތަކުގައި ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރުކުރުމަށް ފަހުގައެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން، ގޭގެ ވެރިންނާއެކު ޔުނިޓްތަކަށް ޒިޔާރަތްކޮށް، އެ ކަންކަން ހަމަޖެހިފައިވާކަން ކަށަވަރުކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

14 ވަނަ ޓަވަރުގެ ބާކީ ހުރި ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާ ވަރަކަށް ހަވާލުކުރަމުން ގެންދާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ މި އަހަރުގެ ސެޕްޓެންބަރު 5 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން